05 Apr 2011, 15:47
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ވިޔަފާރި ކުންފުނި، ޖީއެމްއާރުން ހިންގަން ހަވާލުވިތާ ފަސް ވަނަ މަހުގެ ތެރޭގައި ފަސް ވަނަ ފަހަރަށް ޖެޓް ފިއުލްގެ އަގުބޮޑުކޮށް، ޖެޓް ފިއުލް ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ވިއްކާ އަގު 16.29 ރުފިޔާ އަށް މަތިކޮށްފި އެވެ.
ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗީފް ކޮމާޝަލް އޮފިސާ ޕްރަސާދު ގޯޕާލަން ސޮއި ކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައިވާ ގޮތުން، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޖެޓް ފިއުލް ވިއްކަނީ، މި ދިޔަ މަހު ޖެޓް ފިއުލް ލިޓަރެއް ވިއްކި 1.195 ޑޮލަރަށް ވުރެ، 0.07291 ސެންޓް ބޮޑުކޮށެވެ. އަދި އިންޓަނޭޝަނަލް ފްލައިޓްތަކަށް މި މަހުން ފެށިގެން ފިއުލް ވިއްކާ ރޭޓް، 1.17807 ޑޮލަރަކީ މިދިޔަ މަހު ވިއްކި 1.10442 ޑޮލަރަށް ވުރެ، 0.07365 ޑޮލަރު ބޮޑު އަދަދެކެވެ.
ޖީއެމްއާރުން ވޭތުވެ ދިޔަ މަސްތަކުގައި ތެލުގެ އަގު ބޮޑު ކުރުމުން މިދިޔަ މަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން ވަނީ އެތެރޭގެ އުދުހުންތަކަށް ނަގާ ތެލުގެ ސާޗާޖް 32ރ. އަށް ބޮޑުކޮށް އެ އަދަދު 294ރ. އަށް ބަދަލުކޮށްފަ އެވެ.
ޖީއެމްއާރުން ބުނީ އެ ކުންފުނިން ތެލުގެ އަގު ބޮޑުކުރަން ޖެހެނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން އަންނާތީ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ބޮޑުވުމާ ވިދިގެން މިދިޔަ އަންގާރަ ދުވަހު ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލްގެ އަގު ވަނީ ދެ ޕަސެންޓް އުފުލިފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯމްބަރު މަހުން މި އަހަރުގެ މިހާތަނަށް ތެލުގެ އަގު ބޮޑުވި 12 ވަނަ ފަހަރެވެ.