21 Nov 2015, 22:43
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސްވެރިކަން ކުރުމަށް ބޭނުންވާ އެންތައް ވަތުގައި ގިނަ ވަގުތު ރަނގަޅު ސިއްހަތުގައި ބެހެއްޓުމަށް ޓަކައި ތައްޔާރުކޮށްފައިވާ ހާއްސަ ނިޒާމެއް ދައްކާލައިފި އެވެ.
މިހާރު ދަރުބާރުގޭގާއި ކުރިއަށްދާ ފިޝްއެގްރި އެކްސްޕޯގައި އެ ނިޒާމު ދައްކާލާފައިވާ އިރު އެ ނިޒާމާ ބެހޭ ގޮތުން މަސްވެރިންނަށް މައުލޫމާތު ހޯދައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން މެރިން ރިސާޗު ސެންޓަރުގެ ސީނިއާ ސައިންޓިފިކް އޮފިސަރު އަހުމަދު ރިޔާޒު ޖައުހަރީ ވިދާޅުވީ ވަތުގައި ގިނަ ވަގުތު އެންތައް ބެހެއްޓުމަށް ރާއްޖޭގައި ތައާރަފުކުރި ނިޒާމަކީ ޖަޕާނުގެ މަސްވެރިން ބޭނުން ކުރަމުން އަންނަ ނިޒާމެއް ކަމަށެވެ.
"މި ނިޒާމުގެ ސަބަބުން އެންތައް ވަތުގައި ހުރެ ގިނަ އިރު ވުމުން މަރުވެގެން ދާ އަދަދު ކުޑަވެގެން ދާނެ. އަދި ވަތުގައި ހުންނަ އިރު ފެން ބަދަލުވުމުގެ ނިޒާމު ތަރައްގީ ކޮށްފައިވުމުން އެތަކެތި ހުންނާނީ ރަނގަޅު ސިއްހަތެއްގައި،" ރިޔާޒު ވިދާޅުވި އެވެ.
މަސްވެރިކަން ކުރާ އޮޑިތަކުގެ ވަތުގައި އެ ނިޒާމު އިމްޕްލިމެންޓް ކުރުމުން މަރުވެފައިވާ އެންތައް ނަގައިދޭނެ ހާއްސަ ގޮތެއް އެކުލަވާލާނެ ކަަމަށް ރިޔާޒު ވިދާޅުވި އެވެ.
"މި ނިޒާމުގެ ސަބަބުން ވަތުގައި ހުރެ މަރުވާ އެންތައް ވަކިން ނެގޭނެ. ސަބަބަކީ ވަތުގައި ހުރެ އެންތައް މަރުވުމުން ސިއްހަތު ރަނގަޅަށް ހުންނަ އެންތައް ވެސް އެހެން ނޫނީ މަރުވުމަށް މަގުފަހި ވާތީ،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ނިޒާމު އިމްޕްލިމެންޓް ކުރުމަށް އޮޑީގެ ވަތަށް ހާއްސަ މޮޑިފިކޭޝަންއެއް ގެންނާނެ ކަމަށެވެ. އެ ނިޒާމު އިމްޕްލިމެންޓް ކުރުމާ ގުޅިގެން ވަތުގައި ފެންތައް އެކި ދިމާލަށް ނުހެލޭނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
މިހާރު ބޭނުން ކުރާ އޮޑިތަކުގެ ވަތަށް ފެން އެޅުމަށް ބޭނުން ކުރަނީ އޮޑީގެ މަތީންނެވެ. ނަމަވެސް އެ ނިޒާމުގައި ވަތަށް ފެން އަޅާނީ ޑެކުގެ ތެރޭގައި ބައިންދާފައި އިންނަ ޕަމްޕެއްގެ އެހީގަ އެވެ. ޓެންކުގެ އަންގަ އިންނާނީ ވަތައް ވުރެ ތަންކޮޅެއް އުސްކޮށްފަ އެވެ. އެހެން ކަމުން ފެން ބޭރުވުމުގެ ފުރުސަތު ކުޑަވާނެ އެވެ.
ރިޔާޒު ވިދާޅުވީ އައްޑޫގެ އޮޑިއެއްގައި އެ ނިޒާމު ވަނީ މިހާރު އިމްޕްލިމެންޓް ކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ އެ ނިޒާމު އިމްޕްލިމެންޓް ކުރުމަށް ބޭނުންވާ ޓޭންކް އޮޑިއަށް ވަކިން ލެވެނޭ އެވެ. ނުވަތަ ބޭނުންވާ ކަމުގައިވާ ނަމަ އޮޑިއަށް އެ ނިޒާމު އިމްޕްލިމެންޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.