22 Nov 2015, 02:44
ހޮންކޮން (ނޮވެމްބަރ 21) :ދިރިއުޅޭނެ އެހެން ތަނެއް ނެތުމުގެ ސަބަބުން މެކްޑޮނަލްޑުސްގައި ނިދާ މީހުންނާ ބެހޭ ގޮތުން ނޫހެއްގައި ޖެހި ޚަބަރެއްގައި ސިންގަޕޫރުގެ ރައްޔިތެއް ކަމުގައިވާ މެރީ ސިއޯގެ ވާހަކަ ޝާއިއުކުރުމުން އާއިލާއިން ގެއްލިގެން ހޯދަމުންދަނިކޮށް ސިއޯއަށް އޭނާގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
'މެކް ރެފިއުޖީން' ނަކީ 24 ގަޑި އިރު ހުޅުވާފައި ހުންނަ މެކްޑޮނަލްޑުސް ތަކުގައި ނިދާ މީހުންނަށް ދީފައިވާ ނަމެކެވެ. ގިނަ ބަޔަކު އެގޮތަށް އަމަލު ކުރަނީ ހޮންކޮންގައި އިންތިހާއަށް ގޭގޭގެ ކުލި މަތި ވެފައި ވާތީ ގިނަ ބަޔަކަށް މަގުމަތީގައި އުޅެން ޖެހުމުންނެވެ.
މަޝްހޫރު ނޫސް އެޖެންސީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން އެކަމާ ބެހޭގޮތުން ލިޔުނު ޚަބަރެއްގައި ސިއޯގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން އޭނާ ކިޔައިދިން ވާހަކަތައް ވަނީ ހިމަނައިފައެވެ.
ސިއޯ ބުނިގޮތުގައި އޭނާ ޗައިނާ އަށް ގޮސްފައި ވަނީ ދަތުރުފަތުރާ ބެހޭ ވިޔަފާރިއެއްގައި އިންވެސްޓު ކުރުމަށް އެ ގައުމުގެ ބަޔަކާ އެއްކޮށެވެ. ނަމަވެސް ޗައިނާ އަށް ދިޔަ ފަހުން އެމީހުން ވަނީ ސިއޯ އޭނާގެ ގެ ވިއްކާލައިގެން އެއް ކުރި ފައިސާ ނަގައިގެން ފިލައިފަ އެވެ.
އިންވެސްޓުކުރަން ކަމަށް ބުނެ ސިއޯ ގޮވައިގެން ޗައިނާއަށް ދިޔަ އެގައުމުގެ މީހުން އޭނާގެ ފައިސާތައް ފޭރުމުގެ ކުރިން ސިއޯ ނިންމީ އެއަށްވުރެ އިތުރަށް ފައިސާ އެއްކޮށްގެން ނޫނީ އެނބުރި އަމިއްލަ ވަޒަންކަމުގައިވާ ސިންގަޕޫރަށް ނުދިޔުމަށެވެ. އެ އުންމީދު ހާސިލުކުރުމަށްފަހު ނޫނީ ދަރިފުޅާ ވެސް ބައްދަލުނުކުރުމަށެވެ. ނަމަވެސް ބަޔަކު ދިން ބޮޑު ގެއްލުމުގެ ސަބަބުން ކުރަމުންއައި ފޮނި އުންމީދުތައް ފެނަށް ވެގެންދިޔައީއެވެ.
ސިއޯ މިހާތަނަށް ޗައިނާ ގައި ދިރިއުޅެމުން ދިޔައީ މަގުމަތި ސާފު ކުރުން ފަދަ ކުދި މަސައްކަތުން ލިބޭ ފައިސާއިންނެވެ.

މެރީ ސިއޯ ކްޑޮނަލްޑުސް ކެފޭ ކުރިމަތީ ހުއްޓިގެން ---- ފޮޓޯ: އޭޕީ
އޭޕީގެ ޚަބަރުން ސިއޯގެ ހާލަތުގެ ވާހަކަ އަޑު އިވުމާއެކު އޭނާގެ ފިރިހެން ދަރިފުޅު، އެޑްވާޑް ގޯ ނިންމީ އޭނާގެ މަންމަ ބަލާ ޗައިނާ އަށް ދިޔުމަށެވެ.
ސިއޯ ބުނިގޮތުގައި ދަރިފުޅާ ބައްދަލުވުމުން އުފާވިނަމަވެސް އަމިއްލައަށް ކުށެއް ކުރެވިއްޖެކަމުގެ އިހުސާސް ކުރެވެނީއެވެ.
ަސިއޯގެ ވިސްނުމާއި ދަރިފުޅުގެ ވިސްނުން އެކަމުގައި ވަރަށް ތަފާތެވެ. ދަރިފުޅު ގޯ ބުނީ މާޒީގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އަހަރެން ހަމައެކަނި ބޭނުން ވަނީ މަންމަ އަނބުރާ ގައުމަށް ގެންދަން،" ގޯ ބުންޏެވެ.