21 Nov 2015, 17:20
ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އާއި އިންޑިއާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޖޮއިންޓް އޮޕަރޭޝަނެއް ހިންގަން އިންޑިއާގެ މަނަވަރެއް ރާއްޖެ ގެނެސްފި އެވެ.
އެމަނަވަރު ރާއްޖެ ގެނައީ ކޮންދުވަހަކު ކަމެއް ނޭނގެއެވެ. އިންޑިއާގެ ފަރާތުން އެމްއެންޑީއެފަށް ޖިމް އިކުއިޕްމަންޓްސް ހަދިޔާ ކުރުމަށް މިއަދު މެންދުރު ޝަރަޑުލް ނަމަކަށްކިޔާ އެ މަނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަހްމަދު ޝާހިދު ވިދާޅުވީ އިންޑިއާ ކަނޑުގެ ރައްކާތިރިކަން ކަށަވަރުވުމަކީ މި ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ރައްޔުތުންގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމަ ވުން ކަމަށެވެ. އެމްއެންޑީއެފުން ހިންގާ އޮޕަރޭޝަން ތަކަށް އަބަދުވެސް އިންޑިއާގެ އެއްބާރުލުން ލިބޭކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އިންޑިއާގެ ފަރާތުން އެމްއެންޑީއެފަށް ޖިމް އިކުއިޕްމަންޓްސް ހަދިޔާ ކުރުމަށް މިއަދު މެންދުރު ޝަރުޑުލް ޝިޕްގައި ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"އިންޑިއާއަކީ ރަހުމަތްތެރި ގައުމަކަށް ވުރެން ވެސް އަޅުގަނޑުމެންނާއި ގާތް ބައެއް. އަޅުގަނޑުމެންގެ ޑިފެންސްގެ ދުރުރާސްތާ ޕްލޭން ތަކުގެ ޕާޓްނަރެއް އެއީ. އިންޑިއާގެ ފަރާތުން އެމްއެންޑީއެފްގެ ވަސީލައްތައް އިތުރުކޮށް ފުރިހަމަ ކުރުމަށްޓަކައި އަބަދުވެސް އެހީތައް ލިބެމުންދޭ. އޭގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމަ ކޮށްދިނުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ބާރަކަށް ވަނީ،" ޝާހިދު ވިދާޅުވިއެވެ.
އެމްއެންޑީއެފް އާއި އިންޑިއާ ގުޅިގެން ކަނޑުގެ އޮޕަރޭޝަން ހިންގަން ނިންމި ނަމަވެސް އެ އޮޕަރޭޝަން ބާއްވާނެ ވަކިތާރީޚެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.
ޝާހިދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދާއިމަށް ދެމިގެންދާނެ ގުޅުމެއް ކަމަށާއި މިފަހަރު ހިންގާ ކަނޑުގެ ޚާއްސަ އޮޕަރޭޝަންގެ ސަބަބުން އިންޑިއާ ކަނޑާއި އެކަނޑުގައި ހުރި ރަށްތަކުގެ ރައްޔިތުންނަށް ރައްކާތެރިކަން ޔަގީންވެގެންދާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭ ސަރުކާރަށް ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް ޝާހިދު ވަނީ އޭނާއަށް ޝުކުރު ދަންނަވައިފައެވެ.

އިންޑިއާގެ ފަރާތުން އެމްއެންޑީއެފް އަށް ޖިމް އިކުއިޕްމަންޓްސް ހަދިޔާ ކުރުމަށް މިއަދު މެންދުރު ޝަރުޑުލް ޝިޕްގައި ބޭއްވި ރަސްމިއްޔާތުގައި ނޭވީ ޝިޕްގެ ފަރާތުންއެމްއެންީއެފް އަށްދޭ ހާއްސަ ލިއުމެއް --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އިންޑިއާއިން މީގެ ކުރިން ވެސް ރާއްޖެއަށާއި އެމްއެންޑީއެފަށް ވަރަށް ބޮޑެތި އެހީތަކެއް ވެދީފައިވާކަން ޝާހިދުގެ ވާހަކަފުޅުގައި ފާހަގަ ކުރިއެވެ.
އެގޮތުން އެމްއެންޑީއެފުން ބޭނުން ކުރަމުންދާ ކޯސްޓުގާޑު ޝިޕް 'ހުރަވީ' އާއި އަސްކަރިއްޔާގައި ބޭނުންކުރަމުންދާ ހަމައެކަނި ރޯޓޯ ވިންގް ހެލިކޮޕްޓަރަކީވެސް އިންޑިއާގެ ފަރާތުން ލިބިފައިވާ ދެ އުޅަދުކަން އޭނާ ފާހަގަ ކުރިއެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ސަލާމަތީ ހާލަތު މިވަގުތު ހުރިގޮތުން އެއްވެސް ގައުމުކުން އަމިއްލައަށް އެކަނި އެގައުމެއްގެ ރައްކާތެރިކަމާއި ބޭނުންތައް ފުރިހަމަ ނުކުރެވޭނެ ކަމަށާއި އެކަމަށް ޓަކައި އެހެންގައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

އިންޑިއާގެ ފަރާތުން އެމްއެންޑީއެފަށް ޖިމް އިކުއިޕްމަންޓްސް ހަދިޔާ ކުރުމަށް މިއަދު މެންދުރު ޝަރުޑުލް ޝިޕްގައި ބޭއްވި ރަސްމިއްޔާތުގައި ޝަހާރޭ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން ބައިވެރިވި އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފިވާ ސަފީރު ރަޖީވް ޝަހާރޭ ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ އިސްވެރިން އަބަދުވެސް އެއްގައުމުން އަނެއްގައުމަށް ޒިޔާރަތް ކޮށް މަޝްވަރާތަކާއި އޮޕަރޭޝަންތައް ވެސް ހިނގާ ކަމަށެވެ. އަދި ކުރިއަތް އޮތްތަނުގައި ވެސް އެކަން މެދުނުކެނޑި އެއައްވުރެ ފުޅާކޮށް ފުރިހަމައަށް ފެނިގެންދާނެކަމަށް ވެސް ޝަހާރޭ ވިދާޅުވި އެވެ.