21 Nov 2015, 15:59
ކޮލަމްބޯ (ނޮވެމްބަރ 21): ސްރީލަންކާގައި ބިދޭސީންނަށް އިންވެސްޓް ކުރަން ފަސޭހަވާނެ ބަޖެޓެއް އެ ގައުމުގެ ރައްޔިތުން މަޖިލީހަށް ގައުމުގެ މާލީ ވަޒީރު ރަވީ ކަރުނަނަޔަކަ އިއްޔެ ހުށައަޅުއްވައިފި އެވެ.
މީގެ ކުރިން ލަންކާ ސަރުކާރުން ބިދޭސީ އިންވެސްޓަރުންނާ މެދު ކުރަމުން އައި ތަފާތު ކުރުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔެއިން ވަނީ އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމުގައި ސިފަކޮށް އެކަން ކުށްވެރި ކޮށްފަ އެވެ.
ބަޖެޓް ތައާރަފް ކުރައްވަމުން ކަރުނަނަޔަކަ ވަނީ ލަންކާ އިން މީގެ ކުރިން ބިދޭސީ އިންވެސްޓަރުންގެ އަތުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ބިދޭސިންނަށް ލަންކާގެ ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށާއި އިންވެސްޓްމެންޓްތައް ކުރިއަށް ގެންދިޔުމަށް 50 ދުވަހުގެ ތެރޭގައި ހުއްދަ ލިބޭ ގޮތަށް ހެދުމަށް އެކަމާ ބެހޭ އާ އޭޖެންސީ އެއް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެ ކުރިން ވެސް ކުރިއަށް ގެންދިޔަ ރެޒިޑެންޓް ވިސާ ސުކީމް އަނެއްކާ ވެސް ތައާރަފް ކުރުމަށް މާލީ ވަޒީރު ހުށައެޅުއްވި އެވެ.
ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ ވެރިކަމުގައި ލަންކާގެ ބިމެއް ބިދޭސީއަކު މިލްކުކުރުމަކީ މަނާކަމެކެވެ. އަދި އެއްވެސް ވަރެއްގެ ބިމެއް ބިދޭސީއަކަށް ދޫކޮށްފި ނަމަ އެމީހަކު ބިން ބޭނުން ކުރާނެ މުއްދަތަށް، 100 ޕަސެންޓް ޓެކްސް ވަގުތުން ނެގުމަށް އޭރު އަންގަވާފައިވެ އެވެ.
އެ ބަޖެޓާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ކަރުނަނަޔަކާ ވަނީ ކުރީގެ ރައީސް ރާޖަޕަކްސައަކީ ކޮރަޕްޝަންގެ ގިނަ މައްސަލަތައް ހުރި ބޭފުޅެއްކަމުގައި ވިދާޅުވެ ކުރީގެ ރައީސަށް ފާޑު ވިދާޅުވެފަ އެވެ.
ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ރާޖަޕަކްސަ އާއި އޭނާގެ އާއިލާ މަރުގެ ތުހުމަތު ފަދަ ކުށްތަކުގެ ތުހުމަތުގައި ތަހުގީގު ކުރަމުންނެވެ.