ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދުންޔާއާއި ސުޝްމާ ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މަސްލަހަތު އޮތް ކަންކަމާ މެދު ފައިދާކުރުވަނިވި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

ދުންޔާ އިންޑިއާއަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. ފޮރިން މިނިސްޓްރީން ރޭ ބުނީ ދުންޔާ އިންޑިއާ އަށް ވަޑައިގެންނެވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު މިހާރު ވެސް އޮތް ގުޅުން އިތުރަށް އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުން ކަމަށެވެ.

ދުންޔާ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އާއިޝަތު އަޒީމާ ބައިވެރިވެވަޑައިގަންނަވަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ސުޝްމާ ސްވަރާޖް މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

ސުޝްމާ އޭރު ރާއްޖެ އަށް ވަޑައިގަތީ ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށެވެ.

އޭރު ބޭއްވީ އެކޮމިޝަނުގެ ފަސްވަނަ ބައްދަލުވުމެވެ.