21 Nov 2015, 14:50
ފުލުހުންގެ ވަޒީފާއިން ވަކިކުރި ޗީފް އިނިސްޕެކްޓަރު ހުސައިން ރިޝީފް ތޯހާއަށް އަށްލައްކަ އަށްވުރެ ގިނަ ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ އޭނާއަށް ވަޒީފާ އަބުރާ ދިނުމަށް ހައިކޯޓުން ކުރި ހުކުމަށް ދައުލަތުން އަމަލުކޮށްފައިނުވާ ކަމަށްބުނެ އެ ހުކުމް ތަންފީޒު ކުރުމަށް ރިޝީފް އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އެ މައްސަލަ ޝަރީއަތުން ބެލިއިރު، 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ވަޒީފާއިން ވަކިކުރި އިރު ރިޝީފް ހުރި ވަޒީފާ ކަމުގައިވާ ޗީފް އިނިސްޕެކްޓަރުގެ ވަޒީފާ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އަނބުރާ ދީފައިވާ ކަމަށެވެ. އެހެންކަމުން 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރިޝީފް ވަޒީފާއިން ވަކިވެފައިވާ ކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސް ބަލާފައިނުވާ ކަމަށް އެ ހުކުމްގައި ވެއެވެ.
މަގާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދީފައިވާ ކަމަށް ކަނޑައަޅައި 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރިޝީފަށް ވަޒީފާ ދިން ދުވަހާ ހަމައަށް އަސާސީ މުސާރައިގެ ގޮތުގައި 690،921.21 ރުފިޔާ ދިނުމަށް ވަނީ ހުކުމް ކޮށްފައެވެ.
އޭގެއިތުރުން ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 15،387.99 ރުފިޔާ އާއި ސާވިސް އެލަންސްގެ ގޮތުގައި 157،150.1 ރުފިޔާ އާއި ސްޓެޕް އެލަވަންސްގެ ގޮތުގައި 8،473.14 ރުފިޔާ ދިނުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.
އެހެންކަމުން އެ ހުރިހާ ފައިސާއެއް އެއްކޮށްލުމުން ރިޝީފަށް ޖުމްލަ ދޭންޖެހޭ ފައިސާގެ އަދަދަކީ 871،932.35 ރުފިޔާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.