21 Nov 2015, 15:20
އެެލައިޑް އިންޝުއަރަންސާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހަފްތާއެއްގެ މުއްދަތަށް ކުރިޔަށްގެންދާ ރޯޑް ސޭފްޓީ އެވެއަނެސް ކެމްޕެއިން "ރައްކާ 2015" ފަށައިފި އެވެ.
ހިތަދޫ ސުކޫލްގައި މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ހަފުލާގެ ޝަރަފުވެރި މެހެމާނު ޑެޕިޔުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއެވެ.
"ފުރާނައިގެ ރައްކަލަށް - ރައްކާތެރި ދުވެލި ހިޔާރުކުރައްވާ" މި ޝިއާރުގެ ދަށުން ކުރިޔަށްގެންދާ ކެމްޕެއިންގެ މަގުސަދަކީ ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުން ކަމުގައި "ރައްކާ" އިންތިޒާމް ކުރެއްވި ދެފަރާތް ކަމުގައިވާ އެލައިޑް އިންޝުއަރަންސާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފާހަގަކުރެއެވެ.
މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހާހަމައަށް ކުރިޔަށްގެންދާ "ރައްކާ" ރޯޑްޝޯގައި އެކްސިޑެންޓްގެ ނުރައްކާތެރިކަން ވިސްނައިދީ މަގުމަތީގެ ރައްކާތެރިކަމަށް މުޖުތަމައު ހޭލުންތެރިކުރުމަށްޓަކައި ތަފާތު ގިނަގުނަ ހަރަކާތްތައް ރޭވިފައިވެއެވެ.
އެގޮތުން އެލައިޑް އިންޝުއަރަންސުން އަދާކުރުމަށް ކަނޑައެޅިފައިވާ މައިގަނޑު ދައުރަކީ އިންޝުރަންސާއި ބެހޭގޮތުން އާންމުން ބޭނުންވާނެ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމެވެ.
އެހެންކަމުން ޕޮލިހުން ކުރިޔަށްގެންދާ މަހާސިންތާގެ ތެރޭގައި އިންޝުއަރަންސާމެދު ހޭލުންތެރިކުރުމުގެ ހާއްސަ ޕްރެޒެންޓޭޝަންތަކެއް އެލައިޑް އިންޝުއަރަންސްއިން ދިނުމަށް ހަމަޖެހިފައިވެއެވެ.
ކޮންމެ އޯޑިއެންސްއަކަށްވެސް އެންމެ އެކަށޭނެ ގޮތަށް އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ މިޕްރެޒެންޓޭޝަންތައް ދިނުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އޮފިސް މުވައްޒަފުންނަށާއި ސްކޫލް ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާއި ވެހިކަލް ޑްރައިވަރުން އަދި ޒުވާނުންނަށެވެ.
މީގެ އިތުރުންވެސް އިންޝުއަރަންސް މައުލޫމާތު ބޭނުންފުޅުވާ އަދި ޕޮލިސީ އަލަށް ނެންގެވުމާއި އާކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ޚާއްސަ ކައުންޓަރެއް ރައްކާގެ މަހާސިންތާތައް ކުރިޔަށްދާ ތަންތަނުގެ ބޭރުގައި ބެހެއްޓިފައިވާނެއެވެ.
ރައްކާ ކެމްޕެއިން ކުރިޔަށްދާ ހަފުތާގައި އެކައުންޓަރުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ރަނުގެ ފުރަސަތެއް އެލައިޑް އިންޝުއަރަންސުން ހުޅުވާލާފައިވެއެވެ.
އެއީ އެލައިޑް ޕޮލިސީއެއް ނަންގަވައިން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތެވެ. އެލަކީޑްރޯގެ ދަށުން ގުރުއަތުން ހޮވޭ ތިންފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ އަގުހުރި އިނާމްތަކަކީ އައިޕެޑް މިނީ 2، އައްޑޫއިން މާލެއަށް ދެކޮޅު ޓިކެޓް އަދި އައިފޯން 6އެސް އެކެވެ.