ދައުލަތުގެ އިސް ވެރިންތަކެއްގެ ބަރަހަނާ ވީޑިއޯތަކެއް ހޯދައިގެން ބްލެކްމެއިލް ކުރަން އުޅުނު މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ސައްހަ އަމުރެއް ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ބްލެކްމެއިލް ކުރުމާއި އޮރިޔާންކާޑު އުފެއްދުމާއި ގެންގުޅުމުގެ ކުށުގެ ތުހުމަތު ކުރެވޭ ސ. ހިތަދޫ، ފްލަވާމީޑް، މުހައްމަދު މިންސަރުގެ ބަންދާ މެދު ގޮތެއް ނިންމި މައްސަލައިގައި ހައި ކޯޓުން ބުނެފައި ވަނީ އޭނާ ދޫކޮށްލައިފި ނަމަ ހެކި ގެއްލުވާލާފާނެ ކަމަށް ފެންނާތީ އާއި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސައްހަ ކަމަށެވެ.

މި މައްސަލައިގައި މުންސިރު ބުނެފައި ވަނީ ފުލުހުން އޭނާ ނިދާފައި އޮއްވައި ގެއަށް ވަދެ ތަޅުވައިގަނެގެން ހޭލައްވައި، ބިޑިއަޅުވައި ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެކަމަކު ފުލުހުން ބުނެފައި ވަނީ މުންސިރު ބިޑި އަޅުވަންޖެހުނީ އޭނާ ތެދުވެ އޭނާގެ ފޯނު ނަގަން މަސައްކަތް ކުރުމުން ކަމަށެވެ. އަދި އޭނާ ބިޑިއަޅުވާފައި ވަނީ މުންސިރުގެ މަންމަގެ ހާޒިރުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދައުލަތުގެ އިސް ވެރިންތަކެއް ބަރަހަނާ ވީޑިއޯތަކުގެ މައްސަލައިގައި މުންސިރާ އެކު ފުލުހުން ވަނީ މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު މީގެ ތެރެއިން ތިން މީހަކު ގޭ ބަންދަށް ބަދަލުކޮށް ތިން މީހަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އައްޑޫން 10 މީހުންނާއި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު މާލެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖެއް ވެސް ހިމެނެ އެވެ. އެ މީހުން އަތުލައިގަނެފައި ވަނީ މީގެ ތިން މަސް ކުރިން ފުލުހުންގެ ސަމާލުކަމަށް މި ކަމަށް އައިސްގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ބްލެކްމެއިލް ކުރި ކަމަށް ބެލެވޭ 14 މީހަކު ހައްޔަރުކޮށްފައިވާއިރު އެ ވީޑިއޯތަކުގައި ހިމެނޭ "ބަރަހަނާވެފައިވާ" ދައުލަތުގެ އިސް ވެރިއެއް މިހާތަނަށް ވެސް ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ބައެއް އިސްވެރިން ވަނީ "ރަސްމީ ދަތުރުތަކުގައި" ރާއްޖެއިން ބޭރަށް ގޮސް އަދި "ބަލިހާލަތު ހުރިގޮތުން" މަގާމުން އިސްތިއުފާ ދީފަ އެވެ.