ވޮޝިންޓަން (ނޮވެމްބަރު 21) : އިސްރާއީލަށް ޖާސޫސު ކޮށްދިންކަމުގެކުށް ސާބިތުވެގެން އެމެރިކާ އިން ޖަލަށްލާފައިވާ އެގައުމުގެ ޔަހޫދީ ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޮނަތަން ޕޮލަޑް، އެ މައްސަލަ އަށް 30 އަހަރުވީ ފަހުން ޕެރޯލްގެ ނިޒާމުގެ ދަށުން މިނިވަން ކުރުމުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އެމެރިކާއަށް ޝުކުރު އަދާކުރައްވައިފި އެވެ.

ނަތަންޔާހޫ ވިދާޅުވީ ޕޮލަޑް މިނިވަން ކުރުމަކީ އޮބާމާގެ ސަރުކާރުން އެޅި ރަނގަނޅު ފިޔަވަޅެއްކަމަށާއި އެކަމަށް ޓަކައި އިސްރާއީލުގެ އެންމެހާ ރައްޔިތުން އެމެރިކާއަށް ޝުކުރުއަދާކުރާ ކަމުގަ އެވެ. ޕޮލަޑް މިނިވަން ކުރުމަކީ އެމެރިކާއާއި އިސްރާއީލާ ދެމެދުގައިވާ ދިގުލީ މައްސަލައެއް ހައްލުވެގެން ދިޔުންކަމަށް ވެސް ނަތަނިޔާހޫ ސިފަކުރައްވާފައިވެ އެވެ. ޕޮލަޑް އެމެރިކާއަށް ޖާސޫސޫކޮށް ދެނީ އެމެރިކާގެ ރައްޔިތެއްގެ ގޮތުގައި ހުރުމުގެ އިތުރުން އެމެރިކާ ސިފައިންގެ ޙައްސާސީ މަގާމެއްގައިވެސް ހުރެގެންނެވެ.

އެމެރިކާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ގިނަ ޔަހޫދީންނަކީ އެމީހުންގެ އަމިއްލަ ގައުމު ކަމަށްވާ އެމެރިކާއަށްވުރެ ވެސް ބޮޑަށް އިސްރާއީލަށް ވަފާތެރި ބައެވެ. އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި މީހުން މެރުމާއި ސްޓޭޓް ޓެރަރިޒަމްގެ ހަރުކަށި އަމަލުތަކަށް އެންމެ ބޮޑަށް ހިއްވަރުދީ އެކަމަށް މަގުފަހިކޮށްދިނުމުގައި ވެސް އެމެރިކާގެ ޔޫދީންގެ ދައުރު ވަރަށް ބޮޑެވެ.
އެމެރިކާގައި ހަރަކާތްތެރިވާ ހަރުކަށިވިސްނުމުގެ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކަކީ އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަށް އެމެރިކާގެ ތާއީދު ހޯދުމާއި ބައިނަލްއަގްވާމީ ފިއްތުންތަކާއި އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްރާއީލު ސަލާމަތް ކުރުމުގައި އެމެރިކާގެ އެހީތެރިކަން ހޯދުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކެކެވެ. މިކަމުގެ ސަބަބުން އެމެރިކާއާއި އިސްލާމީ ދުނިޔެއާޖެހި ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާ ނުބައި ގައުމެއްގެ ގޮތުގައި ލޭބަލްވެގެންދެ އެވެ.

ޕޮލަޑްއަކީ ހަރުކަށި ޔަހޫދީ ޒަޔަނިސްޓް ވިސްނުމުގެ މީހެކެވެ. އެމެރިކާގެ ސިއްރު މައުލޫމާތުތަކެއް އިސްރާއީލަށް ޖާސޫސްކޮށްދިންކަމުގެ ކުށް ޕޮލަޑްގެ މައްޗަށް ކުރެވިގެން ހައްޔަރުކުރީ 1985 ވަނަ އަހަރުގަ އެވެ. އެކުށް ސާބިތުވެގެން އޭނާ ޖަލަށްލާފައި ވަނީ 1987 ވަނަ އަހަރު އެވެ. ޖަލަށްލީ އުމުރު ދުވަހަށެވެ. ޖަލަށްލީއިރު 33 އަހަރުވެފައިވާ ޕޮލަޑް، ޖަލުން މިނިވަންވި އިރު ވަނީ 61 އަހަރު ވެފަ އެވެ.

ޕޮލަޑް މިނިވަން ކުރި ނަމަވެސް އެކަން ކޮށްފައި ވަނީ ޕެރޯލް ނިޒާމުގެ ދަށުން ކަމަށްވާތީ އޭނާ ގައުމުން ބޭރަށް ނުދެވޭ ގޮތަށް އެމެރިކާގައި ފަސް އަހަރު އުޅެން ޖެހޭނެ އެވެ. އަދި އެއްކޮށް ޕޮލަޑް މިނިވަންވާނީ މިފަސް އަހަރު ތެރޭގައި ޕެރޯލްގެ ގަވައިދުތަކާ އެއްގޮތަށް އޭނާ އަމަލުކުރުމުންނެވެ. ޕޮލަޑް މިނިވަން ކުރި ނަމަވެސް އޭނާގެ ފައިގައިވަނީ ޖީޕީއެސް ނިޒާމުގެ ދަށުން އޭނާ އުޅޭތަން ވަގުތުން ބެލޭ ފަދަ އިލެކްޓްރޯނިކް ޓެގެއް ހަރުކޮށްފަ އެވެ.

އިސްރާއީލުގެ ޖާސޫސީ އިދާރާގެ ބޭނުމަކަށް ޕޮލަޑް އެއިދާރާއަށް ފޯރުކޮށްދިންކަމަށްވަނީ އެމެރިކާގެ ދިފާއީކަންކަމާ ބެހޭ ވަރަށް ސިއްރު މައުލޫމާތުތަކެވެ. މިކަން އޭނާ ކޮށްފައިވަނީ ފައިސާގެ ދަހިވެތިކަމުގެ އިތުރުން އިސްރާއީލު ދެކެވާ ލޯތްބެއްގެ ބޮޑުކަމުންކަމަށް އެދުވަސްވަރު އޭނާ އެއްބަސްވެފައިވެ އެވެ. އެހެންކަމުން އިސްރާއީލުން ވަނީ ޕޮލަޑްގެ ވަފާތެރިކަމުގެ އަގެއްގެ ގޮތުން އޭނާ އަށް އިސްރާއީލުގެ ރައްޔިތުކަމުގެ ހައްގުދީ އަދި ޔަހޫދީ ބަތަލެއްގެ ދަރަޖަވެސް އޭނާއަށް ދީފަ އެވެ.

މި މައްސަލާގައި 1985 ވަނަ އަހަރު އެމެރިކާގެ ފެޑްރަލް ފުލުހުން، ޕޮލަޑް ހައްޔަރު ކުރަން މަސައްކަތްކުރުން ވޮޝިންޓަނުގައި ހުންނަ އިސްރާއީލުގެ އެމްބަސީން ސިޔާސީހިމާޔަތް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއްނުވެ އެވެ. ޕޮލަޑް މިނިވަން ކުރުމަށް ޓަކައި އިސްރާއީލުގެ ހަރުކަށިވެރިންވަނީ އެމެރިކާގެ އެކިރައީސުންނާ ގުޅުއްވައިގެން ފާއިތުވި މުއްދަތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އިސްރާއީލަކީ އެމެރިކާގެ އެހީއާއި ޙިމާޔަތުގައި އުޅޭ ގައުމެއް ނަމަވެސް އެމެރިކާއަށް ޖާސޫސު ކުރުންފަދަ ކަންކަމަކީ އިސްރާއީލުން ކުރަން ޖެހިލުންވާ ކަންކަމެއްނޫނެވެ. (ރޮއިޓާސް)