21 Nov 2015, 15:00
ހުކުރު ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަނީ އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގެ ހޮޓަލެއްގައި ތިބި 170 މީހަކު ރަހީނު ކުރުމަށް ފަހު އޭގެ ތެރެއިން 20 މީހަކު މަރާލާފައި އެވެ.
އެ ހާދިސާ އާ ގުޅިގެން މާލީގެ ސަރުކާރުން ވަނީ 10 ދުވަހުގެ ކުއްލި ހާލަތު އިއުލާން ކޮށްފައި އެވެ. އަދި ގައުމީ ގޮތުން ހިތާމަ ފާޅުކުރުމަށް ތިން ދުވަސް ހަމަޖައްސާފަ އެވެ.

ހަމަލާގައި މަރުވި މީހެއްގެ ހަށިގަނޑު މާލީގެ ސަލާމަތީ ފަރާތްތަކުން ހޮޓަލުން ގެންދަނީ -- ފޮޓޯ: އޭއެފްޕީ
ހާދިސާ ހިނގާފައި ވަނީ މާލީގެ ވެރިރަށް ބަމަކޯގައި ހުންނަ ރެޑިސަން ބުލޫ ނަމަކަށް ކިޔާ ފަސް ތަރީގެ ހޮޓަލެއްގައި އެވެ.
މާލީގެ އަސްކަރިއްޔާ އިން ބުނީ ހަތް ގަޑި އިރަށް ދެމިގެން ދިޔަ އެ ހާދިސާގައި މަރުވި ގިނަ މީހުންނަކީ ފަތުރުވެރިން ކަމަށެވެ. ހޮޓަލުގައި ތިބި މީހުން ސަލާމަތްކޮށްފައި ވަނީ މާލީގެ ފުލުހުންނާއި، ފްރާންސާއި އެމެރިކާގެ ޚާއްސަ ފައުޖުތަކުން ބައިވެރި ވެގެންނެވެ. މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ދެ ހަނގުރާމަވެރިއަކުވެސް ވަނީ މަރުވެފަ އެވެ.
ސަލާމަތްކުރި މީހުންގެ ތެރެއިން ބައެއް މީހުންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

މާލީގެ ސިފައިންގެ މީހަކު ޒަޚަމް ވެފައިވާ މީހަކު ސަލާމަތްކުރަނީ -- ފޮޓޯ: އޭއެފްޕީ
މަންޒަރު ދުށް ފަރާތްތަކުން ބުނީ ރެޑިސަން ބުލޫ ނަމަކަށް ކިޔާ އެ ހޮޓަލަށް ހުކުރު ދުވަހު ގެ ހެނދުނު ހަތިޔާރު އެޅި 13 ވަރަކަށް މީހުން ވަދެފައި ވަނީ ﷲ އަކުބަރު އޭ ގޮވަމުންނެވެ.
އަލްގައިދާއާ ގުޅުން އޮންނަ ޖަމާއަތެއް ކަމަށްވާ އަލް-މުރައްބިތޫން އިން ވަނީ އެ ހަމަލާގެ ޒިންމާ އުފުލައިފަ އެވެ. އެ ޖަމާއަތުން ހޮޓެލް ހިސާރު ކުރުމަށް ފަހު މާލީގެ ސަރުކާރަށް ވަނީ އެގަމުގެ ޖަލުގައި ތިބި އެ ޖަމާއަތުގެ މީހުން ދޫކޮށްލުމަށް ގޮވާލައިފައެވެ.
މިއަހަރުގެ އޮގަސްޓު މަހުގައި ވެސް މާލީގައި ވަނީ ހަމަ އެފަދަ ހާދިސާއެއް ހިނގައިފައެވެ. އެ ހާދިސާގައި 13 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ޔޫއެންގެ ފަސް މީހަކުވެސް ހިމެނުނެވެ.