21 Nov 2015, 13:37
ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ކޮލަމްބިއާގައި 729 ހިއުމަން ރައިޓްސް އެކްޓިވިސްޓުން މަރާލާފައިވާ ކަމަށް އދ. އިން ބުނެފިއެވެ.
ކޮލަމްބިއާގައި ހުންނަ އދ. ގެ ހައިކޮމިޝަރުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނާ ގޮތުން މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަސް ތެރޭގައިވެސް 30 އެކްޓިވިސްޓުން އެގައުމުގައި މަރާލާފައި ވެއެވެ.
ހަމައެއާއިއެކު އިތުރު 20 އެކްޓިވިސްޓަކަށް މަރުގެ ނުރައްކަލާއި ކުރިމަތިލާން ޖެހުނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެބަޔާނުގައިވާ ގޮތުން، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުން ނުރައްކާތެރި ވެއްޓެއްގައި މަސައްކަތް ކުރަން ޖެހިފައިވާއިރުވެސް، އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނުކުޅެދިފައެވެ.
އެ ބަޔާނާ ގުޅިގެން ކޮލަމްބިއާގެ ޗީފް ޕްރޮސެކިއުޓާ އޮފީހުން ބުނީ އެކްޓިވިސްޓުންނާ ދެކޮޅަށް އެ ގައުމުގައި ހިންގާ މިފަދަ ޖަރީމާތައް ތަހުގީގު ކުރުމަށް އިސްކަން ދޭނެ ކަމަށެވެ.
ނަވާރަސަތޭކަ ސާޅީސް ފަސް ވަނަ އަހަރުން ފެށިގެން ކޮލަމްބިއާ އަންނަނީ އދ. ގެ މެމްބަރު ގައުމެއްގެ ގޮތުގައި ހަރަކާތްތެރި ވަމުންނެވެ.