އިންޑިއާގެ މައި އިދިކޮޅު ޕާޓީ އިންޑިއަން ނެޝަނަލް ކޮންގްރެސް (އައިއެންސީ)ގެ ނައިބު ރައީސް ރާހުލް ގާންދީގެ އިނގިރޭސިވިލާތުގެ ސިޓިޒެންޝިޕްއެއް އޮތް ކަމުގެ ތުހުމަތު ކުރެވިއްޖެ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ އާޓިކަލް ނުވައެއްގައިވާ ގޮތުން އިންޑިއާގެ ރައްޔިތެއްގެ އަތުގައި ބޭރު ގައުމެއްގެ ސިޓިޒެންޝިޕެއް އޮތުމަކީ އިންޑިއާގެ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫނެވެ.

ރާހުލް ގާންދީގެ ކުންފުންޏެއް ކަމަށްވާ ބެކްއޮޕްސް ލިމިޓެޑްގެ ޑައިރެކްޓަރެއްގެ މަގާމުގައި އިނގިރޭސިވިލާތުގައި ހުންނެވި އިރު ކުންފުނީގެ ބައެއް ލިޔުންތަކުގައި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ ގޮތުގައި ޖަހާފައިވާ ކަމަށް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ ބީޖޭޕީގެ ލީޑަރު ސުބްރަމާނިއަން ސުވާމީ މި ދިޔަ ހޯމަ ދުވަހު އެވެ.

ރާހުލް ގާންދީގެ މައްޗަށް އެ ތުހުމަތުތައް ކުރެއްވުމަށް ފަހު ސުވާމީ ވަނީ ރާހުލް ގާންދީގެ އިންޑީއާގެ ސިޓިޒެންޝިޕް ބާތިލް ކުރުމަށާއި އޭނާގެ ރައްޔިތުން މަޖިލީހުގެ ގޮނޑި އަތުލުމަށް އެދި އިންޑިއާގެ ބޮޑު ވަޒީރު ނަރިންދުރަ މޯދީ އަށް ސިޓީފުޅެއް ލިޔުއްވާފަ އެވެ.

ކޮންގުރެސް އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ބީޖޭޕީން ކޮންގުރެސްގެ ނަން ހަޑި ކުރުމަށް މަސައްކަތް ކުރަމުން ދަނީ ދާދި ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބީޖޭޕީ އަށް ލިބުނު "ލަދުވެތި" ނާކާމިޔާބީގެ ސަބަބުންނާއި ޕާޓިގެ އިސްވެރިންގެ މެދުގައި ހިނގަމުންދާ ދެބަސްވުންތަކުގެ ސަބަބުން ކަމަށް ބުނެފަ އެވެ.

ބެކްއޮޕްސްގެ ބައެއް ރިކޯޑުތަކުގައިވާ ގޮތުން ރާހުލް ގާންދީ އަކީ އިންޑިއާގެ ރައްޔިތެކެވެ. އެހެން ދެ ލިޔުމެއްގައި އޭނާ ވަނީ އިނގިރޭސިވިލަތުގެ ރައްޔިތެއްގެ ގޮތުގައި ޖަހާފަ އެވެ. އަދި އެއް ލިޔުމުގައި ކޮމްޕިއުޓަރުން އިނގިރޭސިވިލާތުގެ ރައްޔިތެއްގެ ގޮތުގައި ޖަހާފައި އޮތްތަން ވަނީ ގަލަމަކުން އިންޑިއާގެ ރައްޔިތެއް ކަމަށް ބަދަލު ކޮށްފަ އެވެ.

"[ކުންފުންޏެއްގެ] ޑައިރެކްޓަރަކު ނިސްބަތްވާ ގައުމާ ބެހޭ ގޮތުން ދޮގު މައުލޫމާތު ދިނުމަކީ ކުށެއް. އެ ކުށުގެ އަދަބަކީ އާއްމުކޮށް ޖޫރިމަނާ،" އެކައުންޓުސް އެންޑް ޓެކްސޭޝަން ސާވިސްގައި އުޅުއްވާ ފަރާތަކުން ވިދާޅުވި އެވެ.

ރާހުލް ގާންދީ އަކީ ކޮންގުރެސްގެ ރައީސް ސޯނިއާ ގާންދީ އާއި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވު ގާނދީގެ ދަރިކަލުންނެވެ.