ޓޫއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ހޯދަމުން އަންނަ އެކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސީލް އަހްމަދާއި ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލި މައްސަލައިގެ ތަހުގީގަށް ހޯދަމުން އަންނަ މ. ލޭންޑް އޮފް ގާޑަން އަޙްމަދު އިޝްފާހު އަލީ ހޯދުމަށް އިންޓަޕޯލުން ރެޑްނޯޓިސް ނެރެފި އެވެ.

އެ ދެ މީހުން ހޯދަން ނޭޝަނަލް އިންކުއަރީ ކޮމިޝަނުންނާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން މީގެ ކުރިން އިއުލާންކުރި އެވެ.

އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެ ދެ މީހުންނާއި އިތުރު ބަޔަކު ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ ކަމަށް ވިދާޅުވެ، ތަހުގީގަށް އެއްބާރުލުން ދިނުމަށް މާލެ އައިސް ފުލުސް އޮފީހަށް ހާޒިރުވުމަށް އެ އެންމެންނަށް އަންގައިފަ އެވެ. ނަމަވެސް މިހާތަނަށް އެމީހުން ރާއްޖެއައިސްފައެއް ނުވެ އެވެ.

އިންޓަޕޯލްގެ ވެބްސައިޓުގައިވާ ގޮތުން އަސީލް ހޯދަމުންދަނީ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގަ އެވެ. އެއީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާއަށް ޚިޔާނާތްތެރި މައްސަލަ އެވެ.

އިޝްފާގުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި މުދަލަށް ގެއްލުންދޭނެ ކަމުގެ ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި ނުރައްކާތެރި ހަތިޔާރުބޭނުންކޮށްގެން ހަމަނުޖެހުން ހިންގުމާއި ހަތިރާރުވިއްކާ ތަންތަނާއި ގުޅުމެއްވާކަމުގެ ތުހުމަތާއި ޓެރަރިޒަމްގެ ތުހުމަތު ހިމެނެ އެވެ.

އެ ދެ މީހުންގެ ތެރެއިން އަސީލް ހޯދަން މީގެކުރިން ރެޑްނޯޓިސް ނެރެފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވި ނަމަވެސް އޭރު ރެޑްނޯޓިސް ނެެރެފައެއް ނުވެ އެވެ.