ޏ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހު ޝަރީފް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ފަލާހް ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި ފަލާހް ދޫކޮށްލީ ކޯޓް އަމުރު ތަންފީޒު ކުރުމަށް ފަހު އިއްޔެ ކަމަށެވެ.

މީގެ އެއް ދުވަސް ކުރިން ފުލުހުން ފަލާހް ހައްޔަރުކޮށްފައި ވަނީ ކޯޓު އުމުރެއްގެ ދަށުންނެވެ. އެކޯޓް އަމުރުގައި ބުނެފައި ވަނީ އަބްދުﷲ ފަލާހަކީ އެކޯޓަށް ހުށަހެޅިފައިވާ ވައްކަންކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ހެއްކެއްގެ ގޮތުގައި ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ.

ފަލާހު ބަންދުގައި ބަހައްޓައިގެން މިމަހުގެ 29 ވަނަ ދުވަހުގެ 10:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ވެސް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ.