ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލްކްލެސިކޯ މެޗަށް ނިކުންނައިރު ރެއާލް އޮތީ ރަނގަޅު ފޯމެއްގައި ކަމަށް އެ ކްލަބްގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނެފި އެވެ.

މި މެޗަށް ނިކުންނައިރު، ލީގުގެ އެއްވަނައިގައި 27 ޕޮއިންޓާއެކު އޮތީ ބާސާއެވެ. ތިން ޕޮއިންޓް މަދުން ލިބިގެން 24 ޕޮއިންޓާއި އެކު ރެއާލް އޮތީ ލީގުގެ ދެވަނައިގައެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓްގެ ގޮތުން ބާސާއާ އެއްވަރުކޮށް، ގޯލުގެ ތަފާތުން ރެއާލްއަށް އެއްވަނައަށް އެރޭނެއެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ބެނިޓޭޒް ބުނީ، މި މެޗަށް ރެއާލް އިން މި ނިކުންނަނީ އެއްވެސް ކަހަލަ އިންޖަރީއެއް ނެތި ހުރިހާ ކުޅުންތެރިންވެސް ފިޓްކޮށްތިބެ ކަމަށާއި އެހެންކަމުން މިރޭގެ މެޗަކީ މޮޅުވުން ހައްގު މެޗެއް ކަމަށެވެ. އަދި ކުޅުންތެރިންގެ ފަރާތުން އެ ރޫހު ފެނިގެންދާ ކަމަށް ވެސް ބެނިޓޭޒް ބުންޏެވެ.

"މިއީ ދެވަނަ ފަހަރު އަހަރެމެން ހުރިހާ ކުޅުންތެރިންވެސް ފިޓްކޮށް ނިކުންނަ. އެހެންކަމުން އަހަރެންނަށް ވަރަށް ބޮޑު އުންމީދެއް ލިބޭ މުސްތަގްބަލަށް. މިއީ މޮޅުވާން ބޭނުންވާ ޓީމެއް. އަހަރެމެންގެ ހުރިހާ ކުޅުންތެރިން ހަމަކޮށް ތިބުމުން ވަރަށް ވާދަވެރިވާނެ އެކަމުން ފައިދާ ވަނީވެސް ހަމަ ޓީމަށް. ސްކޮޑްގައި ތިބި ހުރިހާ ކުޅުންތެރިންނަކީވެސް މުހިންމު އަދި ރަނގަޅަށް ކުޅޭނެ ކުޅުންތެރިން،" ބެނިޓޭޒް ބުންޏެވެ.

ދެޓީމަށް ވެސް މިރޭގެ މެޗަކީ ވަރަށް ވެސް މުހިންމު މެޗެކެވެ. އެހެންކަމުން ދެ ޓީމްގެ ކުޅުންތެރިން ވެސް މިރޭގެ މެޗަށް ނިކުންނާނީ މެޗު ކާމިޔާބުކޮށް ލީގުގެ ކުރި ހޯދާށެވެ.

ބެނިޓޭޒް ބުނީ ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ ފަރާތުން މިދިޔަ ފަރިތަކުރުންތަކުގައި ފެނިގެން ގޮސްފައިވަނީ މެޗުން މޮޅުވާން ކެތްމަދުވެފައި ތިބި ކުޅުންތެރީން ތަކެއްގެ ގޮތުގައި ކަމަށާއި އެ ރޫހްގައި މިރޭގެ މެޗައް ނިކުތުމަކީ މެޗް ކާމިޔާބު ކުރުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

މިރޭގެ މެޗަށް ނިކުންނައިރު، އަނިޔާގައި ތިބި އެޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ، ސާޖިއޯ ރާމޯސް އާއި ކަރީމް ބެންޒެމާގެ އިތުރުން އެޓީމުގެ ގޯލްކީޕަރު ކެއިލާ ނާވަސް ވަނީ މި މެޗަށް ފިޓުވެފައެވެ.

ނަމަވެސް ބެންޒެމާ މިރޭގެ މެޗަށް އެރުވުމާމެދު ގޮތެއް ނިންމާނީ، ފަހުވަގުތު ކަމަށްވެސް ބެނީޓޭޒް ބުންޏެވެ.

ރެއާލްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން، 22:15 ގައެވެ.