21 Nov 2015, 11:51
ކުރީގެ އެޗްއާރު ކޮންސަލްޓަންޓް އަދި މީޑިއާ އެގްޒެކެޓިވްއެއް ކަމަށްވާ އިންދިރާނީ މުކަރްޖީ އޭނާގެ އަންހެން ދަރިފުޅު ޝީނާ ބޯރާ މަރާލީ މުދަލުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ސެންޓަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނެފިއެވެ.
އެގޮތުން ޝީނާ މަރާލި އިރު، އޭނާ އުޅުނީ އިންދިރާގެ މިހާރުގެ ފިރިމީހާ ޕީޓާ މުކަރްޖީގެ ދަރިފުޅު ރާހުލް މުކަރްޖީއާއި ރައްޓެހިވެގެންނެވެ. އަދި މި ދެމީހުން ދިޔައީ ކައިވެންޏަށް ތައްޔާރު ވަމުންނެވެ.
އަދި މިދެމީހުން ކައިވެނިކޮށްފި ނަމަ، އިންދިރާއަށް އޭނާގެ ފިރިމީހާގެ މުދަލުން ވާރުތަވާ ބައި ގެއްލުމުގެ ފުރުސަތު އޮތް ކަމަށްވެސް ސީބީއައި އިން ބުނެއެވެ.
މިއީ އިންދިރާ އޭނާގެ ދަރިފުޅު ޝީނާ މަރާލަން މެދުވެރިވި ސަބަބު ކަމަށް ބެލެވޭ ކަމަށްވެސް ސީބީއައި އިން ބުނެއެވެ.
ސީބީއައި އިން ބުނީ، ޝީނާ އާއި ރާހުލް ދުރުކުރުވުމަށް އިންދިރާ ވަރަށް މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް އޭނާގެ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވި ކަމަށާއި، ނަތީޖާއެއްގެ ގޮތުން އިންދިރާ، އޭނާގެ ދަރިފުޅު ޝީނާ މަރާލަން ނިންމީކަމަށެވެ.
އެގޮތުން ޝީނާ މަރާލަން ޒަހަރު ދީފައިވާ ކަމަށާއި، ސިކުނޑި ގޯސް ކުރުވާ ބޭސް ވެސް ދޭން އުޅުނު ކަމަށް ސީބީއައި އިން ބުނެއެވެ.
އަދި މިކަންވެސް ކާމިޔާބު ނުވުމުން އެންމެ ފަހުން، އިންދިރާގެ ކުރީގެ ފިރިމީހާ ސަންޖީވް ކަންނާ އަދި 10 އަހަރުވަންދެން ޑްރައިވަރުކަން ކޮށްދިން ޝާމްވަރް ރާއީގެ އެހީގައި ޝީނާ މަރާލީ ކަމަށް ސީބީއައި އިން ބުނެއެވެ.
އެ ތިން މީހުން ވެގެން ޝީނާ މަރާލާފައި 2012 ވަނަ އަހަރު އެޕްރިލް މަހު 24 ވަނަ ދުވަހު އެވެ. ޝީނާގެ ހަށިގަނޑު ވަނީ މަރާލުމަށްފަހު އަންދާލާފައެވެ.