21 Nov 2015, 10:54
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދިފާއުކުރުމަށް އެގައުމުގެ ސިފައިން ފާއިތުވި 13 މަސް ދުވަސް ތެރޭގައި ދިން ހަމަލާތަކުގައި 6889 އާއްމުން މަރުވެއްޖެ އެވެ.
ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރޯ ފޯ ހިއުމަން ރައިޓްސް ( އެސްއޯއެޗްއާރް) އިން އިއްޔެ ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ 20 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ސޫރިޔާގެ އެކި ސަރަހައްދުތަކަށް އެގައުމުގެ ވައިގެ ސިފައިން 42234 ފަހަރު ބޮން އެޅި ކަމަށެވެ. އެހަމަލާތަކުގައި 6889 އާއްމުން މަރުވި ކަމަށާއި އޭގެ ތެރޭގައި 969 އަންހެނުންނާއި 1436 ކުޑަކުދިން މަރުވި ކަން ރެކޯޑް ކުރެވިފައިވާ ކަމަށް އެޖަމާއަތުން ބުންޏެވެ. އެ ޖަމާއަތުން ބުނީ މަރުވި މީހުންގެ އިތުރުން 35000 އާއްމުން ޒަހަމް ވެފައިވާ ކަމަށެވެ.
ބައްޝާރުގެ ސިފައިންގެ ހަމަލާތަކުގައި އެހާ ގިނަ އަދަދެއްގެ އާއްމުން މަރުވި އިރު އޭނާގެ ވެރިކަން ދިފާއު ކުރުމަށް ރަޝިޔާ އިން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން 403 އާއްމުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 97 ކުޑަކުދިންނާއި 69 އަންހެނުން ހިމެނެ އެވެ.
ސޫރިޔާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި މިދިޔަ 13 މަސް ދުވަހު މަރުވި އާއްމުންގެ އިތުރުން ހަނގުރާމަވެރިންގެ 3702 މީހުން މަރުވި އެވެ. އެއީ އިސްލާމިކް ސްޓޭޓް ( އައިއެސް) އާއި ޖަބުހަތުއް ނުސްރާ އާއި ހަނގުރާމަވެރިން އެހެން ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނެވެ.