ނިޔުޔޯކް (ނޮވެމްބަރު 21): އައިއެސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ބައިވެރިވުމަށާއި ހަނގުރާމައިގެ ހުރިހާ ވަސީލަތްތަކެއް އައިއެސްއާ ދެކޮޅަށް ބޭނުން ކުރުމަށް ގޮވައިލާ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ.

ފަރަންސޭސިވިލާތުން އިސްނަގައިގެން ފާސްކުރި މިގަރާރަށް ސަލާމަތީ މަޖިލީހުގެ ހުރިހާ މެންބަރުން ތާއީދުކޮށްފައިވެއެވެ.

އދ. ގައި ތިއްބަވާ ފަރަންސޭސި ޑިޕްލޮމޭޓުން ވިދާޅުވީ، މި ގަރާރު ފާސްވުމަކީ އައިއެސްއާ ދެކޮޅަށް އެގައުމުން ފަށާފައިވާ ހަނގުރާމަ ކާމިޔާބު ކުރުމަށް އިތުރު ބާރެއްލިބިގެންދާނެ ކަމެއް ކަމުގައެވެ. ފަރަންސޭސިވިލާތުން މި ގަރާރު ފާސްކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގައި އައިއެސް ޖަމާއަތުން ޕެރިހަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި 130 މީހުން މަރުވެ 330 މީހުން ޒަޚަމްވުމާ ގުޅިގެންނެވެ.

ޕެރިހަށް ދިން ޙަމަލާތަކުގެ ކުރިން އައިއެސް އިން އިސްލާމީ ގައުމުތަކުގެ މިސްކިތްތަކަށާއި ބާޒާރުތަކަށް ޙަމަލާދީ ކުށެއްނެތް މުސްލިމުން ޑަޒަން ޑަޒަނަށް މަރަމުން ގެންދާތާ އެތަށް އަހަރެއް ވެފައިވެއެވެ. އައިއެސްއަކީ އިރާގު ހަލާކުކޮށްލުމުގައި އެމެރިކާއެކޭ އެއްފަދަ ދައުރެއް އަދާކޮށްފައިވާ ގައުމެކެވެ. އަދި ލީބިޔާއާއި މިސްރު ހަލާކުކޮށްލުމުގެ މަސައްކަތްވެސް އައިއެސްއިންވަނީ ފަށާފައެވެ.

އައިއެސްއިން ދެކޭގޮތުގައި އެ ޖަމާއަތަށް ނިސްބަތްވާ މީހުން ފިޔަވައި ދެންތިބީ މުސްލިމުންނެއްނޫނެވެ. ހުސް ކާފަރުންނެވެ. އައިއެސް އިން ސުންނީންނާއި ޝިޔައީންނަށްވެސް ހަމަލާތައް ދެއެވެ. ނަމަވެސް އައިއެސްއިން އެންމެ ގިނައިން މަރަނީ ސުންނީ މުސްލިމުންނެވެ. އިސްރާއީލަށް ހަމަލާދިނުމަކީ އައިއެސްގެ އެޖެންޑާގައި ހިމެނޭކަމެއްނޫނެވެ. ސަބަބަކީ އިސްރާއީލަކީ އައިއެސްއާ ދެކޮޅަށް ހަރަކާތްތެރިވާ ގައުމަކަށް ނުވާތީއެވެ.

އަދި ސޫރިޔާ ހަލާކުކޮށްލުމުގައިވެސް އައިއެސްގެ ދައުރު ވަރަށްބޮޑެވެ. ސޫރިޔާއަށް ބޭރުގައުމުތަކުން ވައިގެ ޙަމަލާތައް ދެނީވެސް އައިއެސް ގެ ސަބަބުންނެވެ. އަދި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ މައްސަލަ ހައްލު ނުވެގެން އުޅެނީވެސް އައިއެސްގެ ސަބަބުންނެވެ. ޓެރަރިޒަމާ އިދިކޮޅު ނަމުގައި ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ބައްޝާރުގެ ސަރުކާރުންވެސް ހަމަލާތައް ދިނުމަށް ބަހަނާދައްކަނީ އައިއެސް އިން ހިންގަމުން ގެންދާ ޓެރަރިޒަމް އަމަލުތަކުގެ ސަބަބުންނެވެ.

އަނެއްކޮޅުން ރަޝިޔާ ގެންދަނީ އައިއެސް ޖަމާއަތާ ދެކޮޅަށް ކޮންމެ ގައުމަކުންވެސް ހިންގާ އަސްކަރީ އޮޕަރޭޝަންތަކާއި ދޭ ވައިގެ ހަމަލާތަކަށް އދ. ގެ ރުހުން ލިބޭފަދަ ގަރާރެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ރަޝިޔާއިންވެސް ވަނީ އެގައުމުން ފާސްކުރަން މަސައްކަތްކުރާ ގަރާރުގެ ދެލިކޮޕީ ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް ފޮނުވާފައެވެ. ރަޝިޔާއިން މިގަރާރު ފާސްކުރުމަށް މަސައްކަތް ކުރަނީ ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް އެގައުމުން ދޭ ވައިގެ ހަމަލާތަކަށް ހުޅަނގުގެ ގައުމުތަކުން ދެކޮޅު ހަދަމުން ގެންދިޔުމާ ގުޅިގެންނެވެ. އައިއެސްއާ ދެކޮޅަށް ކަމަށްބުނެ ހުޅަނގުގެ ގައުމުތަކުން ސޫރިޔާއަށް ހަމަލާތައް ދެމުން ގެންދިޔަނަމަވެސް އައިއެސްއާ ދެކޮޅަށް ކަމަށްބުނެ ރަޝިޔާއިން ސޫރިޔާއަށް ހަމަލާދޭކަށް ހުޅަނގުން ނޭދެއެވެ.

އައިއެސް އަށް ހަމަލާދޭކަމަށްބުނެ އެޖަމާއަތަށް ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވޭއިރު ރަޝިޔާގެ މައްޗަށް ކުރެވެނީ ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވާ އެހެން ޖަމާއަތްތަކަށް ހަމަލާ ދޭކަމުގެ ތުހުމަތެވެ. (ނޫސްއެޖެންސީތައް)