މޮސްކޯ (ނޮވެމްބަރ 21) :މި ދިޔަ ހަފްތާގައި ފްރާންސުގެ ޕެރިހަށް ދިން ހަމަލާތަކުގައި މަރުވި މީހުންނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ރަޝިއާ އިން ސީރިޔާގެ ހަނގުރާމަވެރިންނާ ދެކޮޅަށްދޭ ބޮމުގެ ހަމަލާތަކުގައި ބޭނުން ކުރާ ބޮންތަކުގައި 'ފޯ ޕެރިސް' ނުވަތަ 'ޕެރިސް އަށް ޓަކައި' އޭ ލިޔަން ފަށައިފި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީ އިން އާއްމު ކޮށްފައިވާ ވީޑިއޯ އެއްގައި ރަޝިއާގެ އަސްކަރިއްޔާ އަށް ނިސްބަތްވާ ފަރާތަކުން ރަޝިއާގެ އެއާބޭސް އެއްގައި އޮތް ބޮމެއްގައި 'އަހަރުމެންގެ މީހުންނަށް' ލިޔާތަން ވެސް ފެނެ އެވެ.

"މޭމިމް ވައިގެ މަރުކަޒުގެ ޕައިލެޓުންނާއި ޓެކްނީޝަނުން ވަނީ ޓެރަރިސްޓުންނަށް ވައިގެ ޒަރިއްޔާ އިން މެސެއްޖެއް ފޮނުވާފައި،" އެ ވީޑިއޯ ގައިވެ އެވެ.

ރަޝީއާގެ މަތިންދާބޯޓެއް އައިއެސް އިން ވައްޓާލުމަށް ފަހު އޭގެ ޒިންމާ އެ ޖަމާއަތުން ނެގިފަހުން ރަޝިއާ އިން ވަނީ ސީރިޔާގެ ހަނގުރާމަވެރިންނަށް، ހާއްސަކޮށް އައިއެސްގެ ބައިވެރިންނަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

ޕެރިހުގައި ދިން ހަމަލާ އަށް ފަހު ރަޝިއާ އިން ވަނީ އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމާގައި ހުޅަނގުގެ ގައުމުތަކުން ރަޝިއާ އަށް އެއްބާރުލުން ދިނުމަށް ގޮވާލައިފަ އެވެ.

މައުލޫމާތު: ރޮއިޓާސް