21 Nov 2015, 10:15
ޕާކިސްތާނުގެ ޕްރޮޑިއުސަރަކު މޮޅު ވާހަކައަކާއި އެކު ކޮލިޓީ ފިލްމެއް ކުޅެން ހުށަހަޅައިފި ނަމަ އެ ފިލްމަކަށް ސޮއި ކުރަން ލަސް ނުކުރާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ބުނެފިއެވެ.
ރަންބީރާއި ދީޕިކާގެ ފަހުގެ ފިލްމު "ތަމާޝާ"ގެ ޕްރޮމޯޝަނެއްގެ ތެރެއިން ޕާކިސްތާން މީޑިއާއަށް މައުލޫމާތު ދެމުން ރަންބީރު ބުނީ، ޕާކިސްތާން ފިލްމު އިންޑަސްޓްރީ އަކީ އަމިއްލަ ސަގާފަތެއް ގެންގުޅޭ އިންޑަސްޓްރީއެއް ކަމަށެވެ.
އަދި މީގެ ކުރިން އޭނާގެ އާއިލާވެސް ޕާކިސްތާނަށް ގޮސްފައިވާ ކަމަށާއި އޭނާވެސް ދާން ބޭނުން ކަމަށެވެ.
"އަހަރެންވެސް ދާން ބޭނުން. އެގައުމުގައި އެބަ ހުރި އަހަރެން ބަލާލާ ހިއްވާ ރަށްތަކާއި ތަންތަން ވެސް،" ރަންބީރު ބުންޏެވެ.
ރަންބީރު ބުނީ، އަދި އިންޑިއާގެ ފިލްމު އިންޑަސްޓްރީ އާއި ޕާކިސްތާނުގެ ފިލްމު އިންޑަސްޓްރީގެ މެދުގައި އެއްވެސް ވާދަވެރި ކަމެއް ނެތް ކަމަށާއި، މި ސަރަހައްދުގެ ފިލްމުތައް ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
އޭނާގެ ފަހުގެ ފިލްމުތަކަކީ ފްލޮޕް ފިލްމުތަކެއް ކަން ފާހަގަ ކުރަމުން ރަންބީރު ބުނީ، އޭނާ އެކަމުގެ ޒިންމާވެސް ނަގާ ކަމަށެވެ.