21 Nov 2015, 10:04
ސްޕެނިޝް ލީގުގައި މިރޭ ރެއާލް މެޑްރިޑް އާއި ބާސެލޯނާ ބައްދަލުކުރާ އެލްކްލެސިކޯ މެޗަށް ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ އެއްކޮށް ފިޓް ނޫންކަމަށް ބާސާގެ ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަމުން އެންރިކޭ ބުނީ، އެޓީމްގެ އެންމެ މުހިންމު ފޯވާޑް މެސީ %100 ފިޓް ނޫން ކަމަށާއި ނަމަވެސް އެ މެޗްގައި މެސީ ކޮންމެވެސް ހިސާބަކުން ފެނިގެން ހިނގައިދާނެ ކަމަށާއި މެޗަށް އޭނާ ނެރޭނެކަން ނިންމާނީ އެންމެ ފަހު ވަގުތު ކަމަށެވެ.
"އޭނާ 100 ޕަސެންޓް ފިޓެއްނޫން. އެކަމަކު އޭނާ ފިޓްވެއްޖެ. އޭނާ މެޗުގައި ކުޅޭނެކަން ނިންމާނީ މެޗުފެށެން ގާތް ކޮށްލާފައި. އެންމެ މުހިންމު ކަމަކީ އޭނާ ފިޓްވުން. އޭނާ ހުރީ އެނބުރި ކުޅެން ނުކުމެވޭތީ ވަރަށް އުފަލުން. މެސީ އަކީ ތަފާތެއް ގެނެވޭނެ ކުޅުންތެރިއެއްކަން އެންމެނަށް ވެސް އެނގޭނެ،" އެންރީކޭ ބުންޏެވެ.
އާޖެންޓީނާގެ ފޯވާޑް މެސީ އަންނަނީ ސެޕްޓެމްބަރު މަހުން ފެށިގެން ފައިގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފަރުވާ ހޯދަމުންނެވެ. އެހެން ނަމަވެސް އެލް ކްލެސިކޯ މެޗް ފެށެން ފަސް ދުވަހަށް ވެފައި ވަނިކޮށް މެސީ ވަނީ އަނިޔާއިން ސަލާމަތްވެ ފަރިތަކުރުންތަކަށް ނުކުންނަށް ފަށާފައެވެ.
މެސީގެ އިތުރުން، އަނިޔާގައި ދުވަސް ކޮޅަކަށް ހުރި ބާސާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް އާއި ގޯލްކީޕްރު މާކް އަންދްރޭ ޓާސްޓެގަން ވެސް ވަނީ، އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ.
"އަހަރެން ބަލަން ހުރިހާ ކުޅުންތެރިން ވެސް ފަރިތަކުރާއިރު. ހާއްސަކޮށް އިންޖަރީން ރަނގަޅުވުމަށްފަހު އަންނަ ކުޅުންތެރިން ނަށް،" އެންރިކޭ ބުންޏެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާ މަގާމު ހަތަރު ފަހަރު ހޯދާފައިވާ މެސީއާ ނުލާވެސް، ބާސާއިން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.
ސްޕެނިޝް ލީގްގެ އެއްވަނައިގައި ބާސާ އޮތީ 27 ޕޮއިންޓާއެކު އެވެ. ބަސާއާ ދެކޮޅަށް މިރޭ ނިކުންނަ ރެއާލް ދެ ވަނާގައި އޮތީ 26 ޕޮއިންޓްލިބިގެންނެވެ. އެހެންކަމުން މިރޭގެ މެޗަކީ ހުރިހާ ގޮތަކުން ވެސް ފޯރި ގަދަވާނެ މެޗެކެވެ.
ސްޕެނިޝް ލީގުގައި ރެއާލް އާއި ބާސާ ވާދަކުރާ އެލް ކްލެސިކޯ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 10:15ގައެވެ.