21 Nov 2015, 10:24
ވޭތުވެ ދިޔަ އެއް ގަރުނުގެ ތެރޭގައި ފެނިފައިވާ އެންމެ ބޮޑު އަދި ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އަލިމަސް، އެފްރިކާގެ ގައުމެއް ކަމަށްވާ ބޮޓްސްވާނާ އިން ފެނިއްޖެ އެވެ.
ބީބީސީ އިން ބުނެފައި ވަނީ އަލިމަސް ނަގާފައި ވަނީ ބޮޓްސްވާނާގެ ވެރިރަށް، ގެބޮރޯންގެ އުތުރުން 500 ކިލޯ މީޓަރު ދުރުގައިވާ މައިނަކުން ކަމަށެވެ. އެ މައިން އިން ނަގާފައި ވަނީ 1،111 ކެރެޓުގެ ސްޓޯން އެކެވެ.
ދުނިޔޭގައި މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު އަލިމަސް ވެސް ފެނިފައި ވަނީ އެފްރިކާ އިންނެވެ. ދެކުނު އެފްރިކާ އިން 1905 ވަނަ އަހަރު ފެނުނު އެ އަލިމަހަކީ 3،106 ކެރެޓްގެ އަލިމަހެކެވެ. ބޮޑު އަލިމަހަކަށް ވުމާ އެކު އެ އަލިމަސް ވަނީ ނުވަ އެތިކޮޅަށް ކުޑަކޮށްފަ އެވެ. އެ ނުވަ އެތިކޮޅުން ގިނަ ބައެއް ހިމެނެނީ ބްރިޓިޝް ކްރައުން ޖުވެލްގަ އެވެ.
ބްރިޓިޝް ކްރައުން ޖުވެލްސް އަކީ އިނގިރޭސި ވިލާތުގެ ރޯޔަލް ކަލެކްޝަންގައި ހިމެނޭތަކެއްޗެވެ. އެތަކެތީގެ ތެރޭގައި ކަނޑިއާއި ތާޖާއި އަނގޮޓި ފަދަ ތަކެތި ހިމެނެ އެވެ.
ބޮޓްސްވާނާ އިން ފެނުނު އަލިމަހުގެ ބޮޑުމިނުގައި ޓެނިސް ބޯޅައަކާ ގާތްގަނޑަކަށް އެއްވަރު ކުރާނެ އެވެ. އެހެން ނަމަވެސް ޓެނިސް ބޯޅައަކަށް ވުރެ ތަންކޮޅެއް އެ އަލިސް ކުޑަވާނެ އެވެ.
ކެނެޑާގެ އަލިމަސް އުފައްދާ ކުންފުންޏެއް ކަމަށްވާ ލުކާރާ ޑައިމަންޑްސްގެ ސީއީއޯ ވިލިއަމް ލޭމްބް ވިދާޅުވީ ވޭތުވެ ދިޔަ ހަފްތާއަކީ ބޮޑެތި އަލިމަސްތަކެއް ފެނިފައިވާ ހަފްތާއެއް ކަމަށެވެ.
"ބޮޓްސްވާނާގެ އިތުރުން ވޭތުވެ ދިޔަ ހަފްތާގައި ވަނީ ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު އަލިމަސް ހޯދާފައި. ކެރޯވީގެ މައިން އަކުން ވަނީ ވޭތުވެ ދިޔަ ހަފްތާއެއްގައި 813 އާއި 374 ކެރެޓުގެ ހުދު އަލިމަސްތަކެއް ހޯދާފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އަލިމަސްތަކަކީ ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭނެ އަލިމަސްތަކެއް ކަމަށެވެ.
މިދިޔަ އޭޕްރިލް މަހުގައި ވަނީ 100 ކެރެޓުގެ ޖަވާހިރެއް 22.1 މިލިއަން ޑޮލަރަށް ވިއްކާލާފަ އެވެ. އެހެންކަމުން މިދިޔަ ހަފްތާގައި ނެގި ތަކެތީގެ އަގު އެތައް ގުނަ އެއް އަގުބޮޑުވާނެ އެވެ.