21 Nov 2015, 09:21
ގއ. ކޮނޑޭ ކައުންސިލްގެ ތިޖޫރީ ފަޅާލައި އެ ރަށު މަރިޔާދުގެ ރޯކޮށްލައިފި އެވެ.
ކޮނޑޭ ކައުންސިލްގެ ރައީސް ސިޔާމް މުހައްމަދު މިއަދު ސަން އަށް ވިދަޅުވީ، "ތިޖޫރީ ފަޅާލި ވަގުތު ދަންނަވާކަށް ނޭނގެ. އެކަމަކު މަރިޔާދުގޭގައި އަލިފާން ޖަހާފައި ވަނީ، ބެލެވޭ ގޮތުގައި ރޭ މެންދަމު 1:00އާއި 2:00އާ ދެމެދުގެ ވަގުތެއްގައި،" ކަމަށެވެ.
ސިޔާމް ވިދާޅުވީ، ވައްކަންކުރި ބަޔަކު ކައުންސިލްގެ އިދާރާތެރެއަށް ވަދެފައި ވަނީ، އެތަނުގެ ތަންޑުތައް ހަލާކުކޮށްލައިގެން ކަމަށް ބެލެވޭ ކަމަށާއި ތިޖޫރީ ފަޅާލުމަށް ފަހު އޭގެ ތެރޭގައި ހުރި ގާތްގަނޑަކަށް 50،000 ރުފިޔާ އާއި ކެމެރާއެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ކޮނޑޭ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް
"އޮފީހުގެ ބޭރުން ފެންނާކަށް ނެތް އެއްވެސް ގެއްލުމެއް. ދެން މިތަނުގެ ތަޅުދަނޑި މި އޮންނަނީ ވަކިބޭފުޅެއްގެ ހަވާލުގައި. މިހާރު ފުލުހުން ދަނީ، ކައުންސިލްގެ ތަޅުދަނޑިއާއި ހަވާލުވެ ހުރި މުވައްޒަފާއި އޮފީހުގެ އެހެން މުވައްޒަފުންނާ ސުވާލުކުރަމުން،" ސިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން އެ ރަށު ބަނދަރު ސަރަހައްދުގައި ހުރި، މަރިޔާދުގޭގައި ރޯކޮށްލުމުގެ ސަބަބުން އެތަން ބޭނުން ނުކުރެވޭ ވަރަށް އެއްްކޮށް އަނދާފައިވާ ކަމަށް ވެސް ކޮނޑޭ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކޮނޑޭ ބަނދަރު މަތީގައި ހުންނަ މަރިޔާދުގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިނިވަން 50 ފުޓްބޯޅަ މުބާރާތަށް ކޮނޑޭ ރައްޔިތުން އެރަށު ބަނދަރު ސަރަހައްދުގައި "ދަނޑިފަނުން ހަދާފައި ހުރި، މަރިޔާދުގެ ކިޔާ ތަނެއްގައި" ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 5:10 ކަންހާއިރު ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ބަލަން މިއަދު ހެނދު 8:00 ކަންހާއިރު ފުލުހުން އެރަށަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި، އެ މައްސަލަ ތަހުގީގުކުރާ ޓީމުން ކައުންސިލަށް ވަންނަން ދިޔައިރު، އެތަނުގެ ތިޖޫރީ ފަޅާލާފައިވާކަން ވެސް އެނގުމުން އެކަންވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"ފުލުހުންނަށް ހުށަހަޅާފައި މިވަނީ، އެރަށު ބަނދަރު ސަރަހައްދުގައި ދަނޑިފަނުން ހަދާފައި ހުރި ތަނެއްގައި ރޯކޮށްލި މައްސަލައެއް. ދެން އެ މައްސަލަ ތަހުގީގުކުރުމަށް، ފުލުހުން އެރަށު ކައުންސިލް އިދާރާއަށް ވަންނަން ދިއުމުން މި އެނގުނީ އެތަނުގެ ތިޖޫރީ ފަޅާލާފައި ވާކަން." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކައުންސިލް އިދާރާގެ ތިޖޫރީން 50،000 ރުފިޔާ އާއި ނިކޯން ކެމެރާއެއް ގެއްލިފައިވާ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފުލުހުން އެމައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް އެކަމާގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.