05 Apr 2011, 14:51
ރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުން އެންމެ ބޮޑަށް ބިނާވެފައި އޮތީ، ޓޫރިޒަމް އިންޑަސްޓްރީގެ ކުރިއެރުމާއި އެ އިންޑަސްޓްރީގެ ސަލާމަތާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޓުއަރިޒަމް އިންޑަސްޓްރީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ޓުއަރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ބާއްވާ "ސެމިނާ އޮން ސެކިއުރިޓީ އިން ދަ ޓުއަރިޒަމް އިންޑަސްޓްރީ" ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސެމިނާ ހިނގަމުންދަނީ، ކަސްޓަމްސް ބިލްޑިންގެ ސެމިނާ ރޫމްގަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިސާދު އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ، ޓުއަރިޒަމުން ލިބޭ އާމްދަނީއެއްގެ މައްޗަށްކަން ފާހަގަކުރައްވަމުން، ރާއްޖެ މިއެދޭ ހުރިހާ ތަރައްޤީއެއް ހޯދެން އޮތީ، މި ސިނާއަތް ރައްކާތެރި ކުރެވިގެން ކަމުގައި ވިދާޅުވި ކަމަށެވެ.
"މި ސިނާއަތު އަޅުގަނޑުމެންނަށް ރައްކާތެރި ނުކުރެވިއްޖެ ނަމަ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެން މިއެދޭ ހާސްކަމެއް ނެތް ދިރިއުޅުން، އަޅުގަނޑުމެންނަށް ހޯދޭކަށެއް ނޯންނާނެ،" ކަމުގައި ރައީސް ވިދާޅުވި އެވެ.
އަދި ސަރުކާރަށް އެއްވެސް ކަމެއް ހިންގެން އޮތީ، ދެމެހެއްޓެނިވި ގޮތުގައި ދައުލަތަށް އާމްދަނީ ލިބެމުން އަންނަ އަދި ލިބެން އޮތް އެންމެ ވަރުގަދަ ސިނާއަތު ރައްކާތެރި ކުރެވިގެން ކަމަށާއި އަޅުގަނޑުމެން އެންމެނަށްވެސް މި މަސައްކަތް މުހިންމު ވާން ޖެހޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިފަހަކަށް އައިސް ހިނގާފައިވާ ބައެއް ހާދިސާތަކުން، ޓުއަރިޒަމް އިންޑަސްޓްރީގެ ސަލާމަތާ ގުޅޭ ގޮތުން ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލު މަންޒަރު ފެނިފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި އެފަދަ ކަންކަމުން ރެޒޯޓްތައް ސަލާމަތް ކުރެއްވުމަށް ފިޔަވަޅުތަކެއް އެޅިދާނެ ކަމަށާއި، "ރެޒޯޓްތައް ވަށައި، ލޯ ފާރެއް ލެވިދާނެ" ކަމަށާއި، ނަމަވެސް އެއީ މުޅި މައްސަލައަށް ހައްލެއް ލިބުނީ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސްގެ ވާހަކަފުޅުގައި އެ މައްސަލައިގެ އަސްލު ގުޅިފައި އޮތީ، އަދާކުރާނެ ވަޒީފާއެއް ނެތި، ރަނގަޅު ތައްލީމެއް އަދި އަޅާލުމެއްނެތި އެތައް ޒުވާނުންނެއް، ރާއްޖޭގެ މަގުމައްޗަށް، ރާއްޖެއަށް އިތުރުވަމުންދާ ދިއުން ކަމުގައި ފާހަގަކުރެއްވި އެވެ.
އެހެންކަމުން، މިއަދު ފެށުނު ސެމިނާގެ މަޝްވަރާތަކުގައި، މިކަމުގެ އަސްލު މައްސަލައަށް އޮތް ހައްލަކާ ގުޅޭގޮތުން ވެސް ވިސްނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.