20 Nov 2015, 20:15
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ ބިސްނެސް ސްޓެންޑާޑްގައި ބުނެފައިވާ ގޮތުން ފޮރިން މިނިސްޓަރު ދުންޔާ މާދަމާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖްއާ ބައްދަލުކުރައްވައި ގައުމު މިހާރު އޮތް ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވާނެ އެވެ.
މިނިސްޓަރު ދުންޔާގެ ވާހަކަފުުޅުގައި ރާއްޖޭގައި ކުއްލި ހާލަތު އިއުލާނު ކުރެއްވުމަށް ފަހު އެމެރިކާ އާއި ކޮމަންވްލްތް އަދި ސްރީލަންކާގެ ގޮވާލެއްވުމަށް ކުއްލި ހާލަތު އުވާލެވިގެން ދިޔަގޮތް ސުޝްމާއަށް ސާފުކޮށްދެއްވާނެ ކަމަށް އެނޫހުގައި ވަނީ ބުނެފަ އެވެ.

އޮކްޓޯބަރ 11. 2015: އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ ސުޝްމާ ސުވަރާޖު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލު ވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުއްނަވާ ސަފީރު އަހުމަދު މުހައްމަދާ ހަވާލާދެއްވައި ބިސްނަސް ސްޓެންޑަޑު ނޫހުގައި ބުނެފައި ވަނީ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމަށް ފަހު އިންޑިއާއަށް ދުންޔާ ކުރައްވާ ރަސްމީ އެދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަށް ސުޝްމާ ވަނީ މިދިއަ މަހުގެ 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެންފަ އެވެ. ސުޝްމާގެ އެ ދަތުރުފުޅުގައި ރާއްޖޭގައި ދިރިއުޅުއްވާ އިންޑިއާގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އެމްޑީޕީގެ އިސްވެރިންނާ ވެސް ސުޝްމާ ވަނީ ބައްދަލު ކުރައްވާފަ އެވެ.