20 Nov 2015, 20:06
(16 ނޮވެމްބަރުގެ އަދަދާ ގުޅޭ)
ހުޅަނގުގެ ސީރަތު ލިޔުންތެރިޔެއް ކަމުގައިވާ ވޮޝިންގޓަން އާރވިންގ (Washington Irving) މި ކާވެނިފުޅުގެ ފައިދާއާއި، ނަތީޖާއާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ.
"ޝައްކެއްނެތެވެ. މި ކާވެނިފުޅަކީ މަޞްލަޙަތުގެ މައްޗަށް ބިނާކުރައްވައި ކުރެއްވި ކާވެނިފުޅެކެވެ.ميمونةއަކީ ހުވަފަތްވެވަޑައިގެންފައި އިންނެވި، އުމުރުފުޅުން ފަންސާސް އެއްއަހަރުފުޅުވެފައިވާ (އިސްލާމީ މުއައްރިޚުން ވިދާޅުވާގޮތުގައި، އުމުރުފުޅުން ސައްބީސް ނުވަތަ ހަތާވީސް އަހަރުފުޅުވެފައިވާ) ބޭކަނބަލެކެވެ. ނަމަވެސް މި ގުޅުމުގެ ސަބަބުން، އިސްލާމްދީނުގެ ނަބިއްޔާ (صلّى اللّـه عليه وسلّم) އަށް ވަނީ ބާރުހުރި ދެ ފިދާއީން ލިބިވަޑައިގެންފައެވެ.خالد بن الوليدއާއި އެކަލޭގެފާނުގެ ރަޙްމަތްތެރިޔާعمرو بن العاصއެވެ."
(Irving, Washington/The Life of Mahomet,
London, 1949, P-160, 161)
ކައުސާހިބާصلّى اللّـه عليه وسلّمއެއް އަނބިކަނބަލުންނަށްވުރެ ގިނަ އަނބިކަނބަލުންނާ އެއްފަހަރާ ކާވެނިބައްލަވައިގެންނެވުމުގެ ޙިކުމަތުގެ ތެރޭގައި، ޢަރަބީންގެ މެދުގައި މޫލައިފައި އޮތް ޢާއިލީ، ސަރަޙައްދީ، ނަސްލީ، ޤަބީލީ ޢަޞަބިއްޔަތު މުލުން ލުއްސަވައިލެއްވުންވެސް ހިމެނެއެވެ. މިދެންނެވި ޢަޞަބިއްޔަތަކީ، އެހައިތަނަށް ޢަރަބީން ފަޚުރެއްކަމުގައި ބަލަމުންއައި ކަންކަމެވެ. ކައުސާހިބާ ޢަރަބީންގެ އެކިހިސާބުގެ އެކި ޤަބީލާތަކުގެ ބޭކަނބަލުންނާ ކާވެނި ބައްލަވައިގަންނަވައި، އުންމަތަށް އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ ނަމޫނާ ދެއްކެވިއެވެ. ޤަބީލީ ޝަރަފާއި ޤައުމިއްޔަތުގެ ދެބަސްވުންތަކާއި، ކުލައާއި ނަސްލުގެ ބުދުތައް ތަޅުއްވައި ބިމާހަމަކުރެއްވިއެވެ. ޖާހިލިއްޔަތުގެ ކިބުރުވެރިކަމާއި، ބޮޑާކަމާއި، ފަޚުރުވެރިކަން ޗިސްޗިސްކޮށްލެއްވިއެވެ.
ޑޮކްޓަރمحمّد حميداللّـهލިޔުއްވައިފައިވެއެވެ.
"ޢަރަބީންގެ މެދުގައި ޢާއްމުކޮށް އޮތީ ޤަބީލާތަކުގެ ނިޒާމެކެވެ. އެހެންކަމުން، އެކުވެރިކަމާއި އެއް ޤަބީލާއެއް އަނެއް ޤަބީލާއަކާ ރަޙްމަތްތެރިވުމުގައި، ގާތްތިމާގެ ކަމަށްވުރެ ބާރުގަދަ އެހެންކަމެއް ނޯވެއެވެ. އެ ގުޅުމަކީ ކިތަންމެ ދުރު ތިމާގެކަމުގެ ގުޅުމަކަށްވިޔަސް، އެއީ އެންމެ ހަރުދަނާ އަދި އެންމެ މުސްތަޤިއްލު ގުޅުމެވެ." (ޑޮކްޓަރمحمّد حميداللّـه، ރަސޫލެ އަކްރަމްصلّى اللّـه عليه وسلّمކީ ސިޔާސީ ޒިންދަގީ: 316)
ކައުސާހިބާصلّى اللّـه عليه وسلّمގެ އަނބިއަނބިކަނބަލުންނަކީ ޖޯގްރަފީގޮތުން ބަލާއިރު، ޢަރަބިކަރައިގެ އެކި ސަރަޙައްދުތަކާއި އެކި ޤަބީލާތައް ތަމްސީލުކުރައްވާ ބޭކަނބަލުންނެވެ. ނަސަބުން އަރާތިއްބެވި މަތީ ޢާއިލާތަކުގެ ބޭބޭކަނބަލުންގެ ޙައިޘިއްޔަތުން މުޖްތަމަޢުގައި ނުފޫޒު ހުރި ބޭބޭކަނބަލުންނެވެ.
أمّهات المؤمنينގެ ތެރެއިންالسّيّدة خديجة رضى اللّـه عنهاއަކީ އަސަދުވަންހައިގެ ބޭކަނބަލެކެވެ.السّيّدة سودة بنت زمعة رضى اللّـه عنهاއަކީ ޢާމިރު ބިން ލުއައްޔު ވަންހައިގެ ބޭކަނބަލެކެވެ.السّيّدة عائشة رضى اللّـه عنهاއަކީ ތައިމުވަންހައިގެ ބޭކަނބަލެކެވެ.السّيّدة حفصة رضى اللّـه عنهاއަކީ ޢަދިއްޔު ވަންހައިގެ ބޭކަނބަލެކެވެ.السّيّدة أمّ سلمة رضى اللّـه عنهاއަކީ މަޚްޒޫމުވަންހައިގެ ބޭކަނބަލެކެވެ.السّيّدة زينب بنت حجش رضى اللّـه عنهاއަކީ އަސަދު ބިން ޚުޒައިމާ ވަންހައިގެ ބޭކަނބަލެކެވެ.السّيّدة أمّ حبيبة رضى اللّـه عنهاއަކީ އުމައްޔަތު ވަންހައިގެ ބޭކަނބަލެކެވެ. މިއީ ހައްތާވެސް މައްކާގެ ޤަދަރުހުރި ޤަބީލާތަކެވެ.
السّيّدة زينب بنت خزيمـة رضى اللّـه عنهاއާއިالسّيّدة ميمونة بنت الحارث رضى اللّـه عنهاއަކީ ޔަމަނުކަރައިގެ ބާރުގަދަ ޤަބީލާއެއް ކަމުގައިވާ ބަނޫ ޞަޢުޞަޢާގެ ދެބޭކަނބަލުންނެވެ.السّيّدة جويرية رضى اللّـه عنهاއަކީ ޢަރަބިކަރައިގެ މެދުތެރޭގައި ދިރިއުޅުނު ޤަބީލާއެއްކަމުގައިވާ ބަނުލްމުޞްޠަލަޤުގެ ރައީސުގެ ދަރިކަނބަލުންނެވެالسّيّدة صفيّة رضى اللّـه عنهاއަކީ ޢަރަބިކަރައިގެ އުތުރުގެ އިސްރާއީލީ ޤަބީލާއެއްކަމުގައިވާ ނަޟީރުވަންހައިގެ ބޭކަނބަލެކެވެ.
މިދެންނެވި ޙަޤީޤަތްތަކުން އެނގެނީ، ކައުސާހިބާصلّى اللّـه عليه وسلّمއެ ކާވެނިފުޅުތައް ކުރެއްވީ، ޤަބީލީ ޢަޞަބިއްޔަތު ނައްތައިލައްވައި، އެންމެހައި ޢަރަބީންނާއި މުސްލިމުން އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އެއްގިލަފައްޗަކަށް އަމުނައިލައްވަންކަމެވެ. ޢަރަބިކަރައިގައި އިސްލާމްދީން ތަބްލީޣުކުރައްވަން މަގުފަހިކުރައްވަންކަމެވެ. ކައުސާހިބާގެ އެ މަސައްކަތްޕުޅު ނުހަނު ރަނގަޅަށް ކަމުފޮޅާގޮތްވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمގިނަ ކާވެނިފުޅުތަކެއް ކުރެއްވުމުގެ އަނެއް ސަބަބަކީ، ޣައިރު އިސްލާމީ ރަސްމުތަކާއި، އާދަކާދަތައް ނައްތައިލެއްވުމެވެ. އެގޮތުން ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނު ދަރިކަލަކަށް ހައްދަވައިފައިވާزيد بن حارثـة رضى اللّـه عنهވަރިކުރެއްވިالسّيّدة زينب بنت جحش رضى اللّـه عنهاއާ ކާވެނިބައްލަވައިގަންނަވައި، ޖާހިލީ އާދައެއް ޢަމަލީގޮތުން ނައްތައިލެއްވިއެވެ.
ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ދުރުހިލޭ މީހުން ދަރިންކަމުގައި ހެދުމުގެ އާދަ ޢާއްމުވެފައި އޮތެވެ. ޢަރަބީންގެ ތެރޭގައި އެ މުސްކުޅި އާދަ އޮތީ އިޖްތިމާޢީ އަދި ދީނީ ސަނަދެއް ލިބިފައި އޮތްކަމެއްގެ ގޮތުގައެވެ. އެހެންކަމުން، އަރަހުށި މާތްاللّـهމިންވަރު ކުރެއްވީ މިބާވަތުގެ ޖާހިލީ އެތައް ރަސްމުތަކެކޭ އެއްގޮތަށް، ދުރުހިލޭ މީހުން ޙަޤީޤީ ދަރީންކަމުގައި ހަދައި، ޝަރުޢީގޮތުން އުފަން ދަރިންނަށް ލިބިގެންވާ ލޭގެ ގުޅުމުގެ ޝަރުޢީ އަދި ޤާނޫނީ ޙައްޤު، ދުރުހިލޭ މީހުންނަށް ދިނުމުގެ އާދަވެސް އުވާލެއްވުމަށެވެ. އަނބީންނަށް ޡިހާރު ކުރުމުގެ އާދަވެސް އުވާލެއްވި ފަދައިންނެވެ. އެހެންމީހުންގެ ދަރީން ތިމާގެ އުފަން ދަރީން ކަމުގައި ހެދުމުގެ ޖާހިލީ ރަސްމު އުވާލެއްވުމަށްޓަކައި، އަރަހުށި މާތްاللّـهޚިޔާރު ކުރެއްވީ ޚުދު އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمދަރިކަލަކަށް ހައްދަވައިފައިވާزيد بن حارثـة رضى اللّـه عنهގެ ތަބްނިއްޔަތު އުވާލެއްވުމެވެ.
ޡިހާރުކުރުމާއި މުތަބަންނީ ކުރުމުގެ އާދަ އުވާލެއްވުމުގެ ގޮތުން، ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"އެއްވެސް މީހަކަށް، އެމީހެއްގެ އެތެރެހަށީގައި،اللّـهދެހިތެއް ނުލައްވައެވެ. އަދި ތިޔަބައިމީހުންގެ އަނބީންގެ ތެރެއިން ތިޔަބައިމީހުން ޡިހާރުކުރާ (އެބަހީ: މަޔަކާ ހަމަކުރާ) އަނބީންނަކީ، ތިޔަބައިމީހުންގެ މައިންކަމުގައިވެސް ނުލައްވަތެވެ. އަދި ތިޔަބައިމީހުންގެ ދަރީންކަމުގައި ހަދައިގެންއުޅޭ ދަރީންނަކީ، ތިޔަބައިމީހުންގެ ދަރީން ކަމުގައިވެސް ނުލައްވަތެވެ. އެއީ ތިޔަބައިމީހުންގެ އަނގަތަކުން ބުނާ ބުނުމެކެވެ. އަދިاللّـهޙައްޤު ބަސްފުޅު ވަޙީކުރައްވަތެވެ. އަދި އެކަލާނގެ ތެދުމަގަށް މަގު ދައްކަވަތެވެ. އެ ދަރީން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެގޮތްاللّـهގެ ޙަޟުރަތުގައި ޢަދުލުވެރިކަން ބޮޑެވެ. އެ ދަރީންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ ދީނުގެ ފަރާތުން ތިޔަބައިމީހުންގެ އަޚުންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރީންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނުކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ، ތިޔަބައިމީހުންގެ ހިތްތައް ޤަޞްދުކުޅަ ކަމަކާ މެދުގައެވެ." (الأحزاب: 4، 5)
މި އާޔަތުގެ ޞަރީޙު އަމުރުފުޅާ ވިދިގެން، ޢަރަބީންގެ މެދުން އެކަން ފޮހެލެއްވުމަށްޓަކައި އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއާ އެކަލޭގެފާނު ދަރިކަލަކަށް ހައްދަވައިފައިވާزيد بن حارثـة رضى اللّـه عنهވަރިކުރެއްވިالسّيّدة زينب رضى اللّـه عنهاއާ ސީދާ ހަތް އުޑުގެ މަތީން ކާވެނިކޮށްދެއްވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއާއި،أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنهاގެ ކާވެނިފުޅު ހުޅަނގުން ވަނީ ކައުސާހިބާصلّى اللّـه عليه وسلّمގެ ރީތި ނަންފުޅު ހުތުރުކުރުމުގެ ޒަރީޢާއަކަށް ހަދައިފައެވެ. ޚާއްޞަކޮށް އޮރިއެންޓަލިސްޓުން ވަނީ އެ ޙާދިޘާއަށް ހަބަރާއި، ލޮނާއި، މިރުސް އަޅައި އެބައިމީހުން ބޭނުން ރަހައެއް ލައްވައިފައެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ ޢިއްފަތްތެރިކަމާއި، އިޞްމަތްތެރިކަމުގެ ދާވަނިކޮޅުގައި ލައްޖެއްސުމަށް އެ ޙާދިޘާގެ ބޭނުންކޮށްފައެވެ.
ހ. މަދީނާގެ މުނާފިޤުންނާއި ޔަހޫދީން ފަތުރައިފައިވާ ދޮގު ވާހަކަތަކުން ވަނދުހޮވައިގެން، ހުޅަނގުގެ ހިތާއި ނަފްސު ކަޅުވެފައިވާ އޮރިއެންޓަލިސްޓުން ކިޔާ ފުލޯކު ވާހަކައިގައިވާގޮތުން، "محمّدގެފާނު (صلّى اللّـه عليه وسلّم) އެކަލޭގެފާނު މިނިވަންކުރެއްވިزيد بن حارثـةގެ ގެއަށް އޭނާ ގޭގައި ނެތިސް ވެދެވަޑައިގެންނެވިއެވެ.زيدގެ އަނބިކަނބަލުންزينب بنت جحشފެނިވަޑައިގެންފައި ވިދާޅުވިއެވެ.سبحان اللّـهއެވެ! ހާދަ ރީތި އަންހެނެކެވެ. އެކަމަނާ ފެނިވަޑައިގަތުމުންمحمّدގެފާނު އެކަމަނާދެކެ މޮޔަފުޅުވެއްޖެއެވެ.زيدއަށް އެކަން އެނގިވަޑައިގަތުމުން، އޭނާ އެކަމަނާ ވަރިކޮށްލެއްވިއެވެ.محمّدގެފާނު އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ." (نعوذ بااللّـه)
މިވާހަކަޔަކީ ކަނޑައެޅިގެންހުރި ދޮގު ވާހަކައެކެވެ. މިވާހަކައިގެ އެއްވެސް ހެތްކެއް، އަދި ޤަރީނާއެއްވެސް ނެތެވެ. މުފައްސިރުންގެ ޖުމްހޫރުން ވަނީ މިއީ ދޮގުވާހަކައެއްކަމަށް އިއްތިފާޤު ވެވަޑައިގެންފައެވެ. މިވާހަކައިން އެނގެނީ، އޮރިއެންޓަލިސްޓުންގެ ނުބައި ނުލަފާކަމެވެ. ދޮގުވެރިކަމެވެ. މިވާހަކައިގެ ހެތްކެއް އަދި ސަނަދެއްވެސް ނެތުމުގެ އިތުރަށް، މިވާހަކައަކީ ސަލާމަތް ބުއްދިއާވެސް ޚިލާފު ވާހަކައެކެވެ.السّيّدة زينبއަކީ އިތުރު ސާހިބާއަށް އެއްދުވަހަކު އިއްތިފާޤީ ޙާދިޘާއަކުން އަލަށް ފެނިވަޑައިގެންނެވި ބޭކަނބަލެއް ނޫނެވެ. އެކަމަނާއަކީ ކައުސާހިބާصلّى اللّـه عليه وسلّمގެ ބޮޑުދައިތާފުޅުأميمة بنت عبد المطّلبގެ ދަރިކަނބަލެކެވެ. އެކަމަނާ ހޭމައާ ކުޅުއްވައި އުޅުއްވީވެސް، ކައުސާހިބާصلّى اللّـه عليه وسلّمގެ ކުރިފުޅުމަތީގައެވެ. ފަރުދާގެ އާޔަތް ބާވައިލެއްވީ، އިތުރު ސާހިބާއާއިالسّيّدة زينبގެ ކާވެނިފުޅުގެ ވަލީމާގެ ތެރޭގައެވެ. އެހެންކަމުން،السّيّدة زينب رضى اللّـه عنهاބޮޑުފުޅުވެ، ޒުވާންވެވަޑައިގަތީ ކައުސާހިބާގެ ލޯފުޅުމަތީގައެވެ. އެކަމަނާزيد بن حارثـةرضى اللّـه عنهއާ ކާވެނިބެއްލެވީވެސް ކައުސާހިބާصلّى اللّـه عليه وسلّمއެކަމަށް ބާރުއަޅުއްވައިގެންނެވެ. ކަންމިހެން ހުރިއިރު، އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ ރީތިފުޅުކަމާހުރެ އެކަމަނާއާ ހިތްޕުޅާ ހަމަކުރައްވައިގެން ކާވެނިބައްލަވައިގެންނެވިނަމަ، ކާވެނިބައްލަވައިގަންނަވާނީ އެކަމަނާގެ އުމުރުފުޅުން 36 އަހަރުފުޅު ފުރި، ޢަރަބިކަރައިގެ ހޫނު ވެށީގައި އަންހެނުން ރީތިކަން މެދުންލަނބައިލާ އުމުރުފުޅަށް އައުމަކުން ނޫނެވެ. އިތުރު ސާހިބާ އަމިއްލަފުޅަށް އެކަމަނާއަށް ބާރުއަޅުއްވައިގެން މީހަކާ ކާވެނިކޮށްދެއްވައި، އެކަމަނާގެ ފިރިކަލުން އެކަމަނާ ވަރިކުރެއްވުމަށްފަހަކު ނޫނެވެ.
ށ. އޮރިއެންޓަލިސްޓުންގެ ދެވަނަ އިޢުތިރާޟަކީ، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ދަރިކަލަކަށް ހައްދަވައިފައިވާزيدވަރިކުރެއްވި ބޭކަނބަލަކާ ކާވެނިބެއްލެވުމެވެ. އިސްލާމްދީނުގެ ޢަދުއްވުން އެ ކާވެނިފުޅާ ވިދިގެން އަޑުއަރުވަމުން ގެންދިޔަ ގޮތުގައި، އެ ކާވެނިފުޅަކީ "ޅީދަރިކަނބަލަކާ" ކާވެނި ބެއްލެވުމެވެ.
މި ޙާދިޘާގެ ޙަޤީޤަތަށް ނަޒަރު ހިންގާއިރު، މި ޙާދިޘާ ހިނގައިފައިވަނީ މިދަންނަވާ ގޮތަށެވެ.زيد بن حارثة رضى اللّـه عنــهއަކީ، އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުން ޤުޟާއަތުވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ މައިކަނބަލުންسعدة بنت ثعلبةއަކީ ބަނީ މަޢުނުވަންހައިގެ ބޭކަނބަލެކެވެ. މަޢުނުވަންހައަކީ ޠައްޔުވަންހައިގެ ގޮތްޕެކެވެ. އެހެންކަމުން އެކަލޭގެފާނަކީ ދެފަރާތްޕުޅުންވެސް ޢަރަބީންގެ ތެރެއިން ނަސަބުން އަރައިހުންނެވި ބޭކަލެކެވެ.زيدގެފާނުގެ ތުއްޕުޅުއިރު މައިކަނބަލުންގެ އަރިހުގައި އެކަމަނާގެ ޤަބީލާގެ މީހުން ދިރިއުޅޭ ރަށަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެދަތުރުފުޅުގައި މަގުފޭރޭ މީހުން އެކަލޭގެފާނު ވަގަށްނަގައިގެން ޢުކާޡުގެ ބާރަށް ގެންގޮސް ވިއްކައިލިއެވެ. ޢުކާޡުން އެކަލޭގެފާނު ބައްލަވައިގެންނެވީحكيم بن حزام رضى اللّـه عنــهއެވެ.حكيمއެކަލޭގެފާނުގެ ބޮޑުދައިތާފުޅުأمّ المؤمنين السّيّدة خديجة رضى اللّـه عنــهاއަށް އެކަލޭގެފާނު ވެދުމަށް އެރުއްވިއެވެ. އޭރުزيدގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް ނުވަވަރަކަށް އަހަރުފުޅެވެ. ކައުސާހިބާصلّى اللّـه عليه وسلّم، أمّ المؤمنين السّيّدة خديجة رضى اللّـه عنــهاއާ ކާވެނިބައްލަވައިގެންނެވުމަށްފަހު، އެކަމަނާزيد بن حارثةކައުސާހިބާصلّى اللّـه عليه وسلّمއަށް ހިބަކޮށްދެއްވިއެވެ.
އެއްފަހަރަކު މައްކާއަށް ޙައްޖަށް އައި ކުލަބުވަންހައިގެ ބަޔަކަށްزيد بن حارثةފެނިފައި، އެބައިމީހުންނަށް އެކަލޭގެފާނު ފާހަގަކުރެވުނެވެ. އެމީހުން ރަށަށްގޮސް،زيدގެފާނުގެ ބައްޕަحارثة بن شرحبيلއަށް އެ ޚަބަރު ދިނެވެ. އޭނާ، އޭނާގެ އަޚުكعب بن شرحبيلއާއެކުزيدގެފާނު ބަލައި މައްކާއަށް އައެވެ. އެދެބޭން އިތުރު ސާހިބާصلّى اللّـه عليه وسلّمގެ ފައިންޕުޅު ދެކެފައި،زيدމިނިވަންކޮށްދެއްވުންއެދި ދެންނެވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّم،زيدގެފާނަށް އިޚްތިޔާރު ދެއްވިއެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅާއެކު މިނިވަންކަމާއެކު އަމިއްލަފުޅު ރަށަށް ވަޑައިގަތުމާއި، ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި ހުންނެވުމާ ދެގޮތުންކުރެ އެއްގޮތެއް ޚިޔާރު ކުރެއްވުމުގެ އިޚްތިޔާރެވެ.زيدގެފާނު ޚިޔާރުކުރެއްވީ، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާގެ ޚިދުމަތުގައި ދެމިހުންނެވުމެވެ. ނަތީޖާއެއްގެ ގޮތުން، އިތުރު ސާހިބާصلّى اللّـه عليه وسلّم،زيدގެފާނު މިނިވަންކުރައްވައި، އެޒަމާނުގެ އާދަކާދައިގެމަތީންزيدގެފާނު ދަރިކަލަކަށް ހެއްދެވިއެވެ.زيد بن حارثة، زيد بن محمّدގެ ނަންފުޅުން މަޝްހޫރުވިއެވެ.
އިތުރު ސާހިބާصلّى اللّـه عليه وسلّمމަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އިސްލާމީ އުންމަތް ތަހްޒީބު ކުރައްވައި، ޖާހިލިއްޔަތުގެ ބޮޑާކަމާއި، ނަސަބާއި ހަސަބާހުރެ ފަޚުރުވެރިވުމުގެ އާދަ އުވާލެއްވުމުގެ ފިޔަވަޅުތައް އެޅުއްވިއެވެ. އެންމެހައި އިންސާނުން އެއްމަންމައަކާއި އެއްބައްޕައެއްގެ ދަރީންކަމުގައި ހެއްދެވުމަށްޓަކައި، އިތުރު ސާހިބާގެ ބޮޑުދައިތާފުޅުأميمة بنت عبد المطّلبގެ ދަރިކަނބަލުންزينب بنت جحشއާ ކާވެނިކޮށްދެއްވަން ޤަސްދު ކުރެއްވިއެވެ.زينبއަކީ އެކަމަނާގެ ބައްޕާފުޅުގެ ފަރާތްޕުޅުން މުޟަރުވަންހައިގެ ޢިއްޒަތްތެރި ގޮތްޕެއްކަމުގައިވާ އަސަދު ބިން ޚުޒައިމާ ވަންހައިގެ ބޭކަނބަލެކެވެ. މައިކަނބަލުންނަކީ ހާޝިމްވަންހައިގެ ބޭކަނބަލެކެވެ. އަނެއްކޮޅުންزيدގެފާނަކީ މިނިވަންވެފައި ހުންނެވި އަޅެކެވެ. ޔަމަނީއެކެވެ. އެހެންކަމުން، އެޒަމާނުގެ އިޖްތިމާޢީ މިންގަނޑުން އެދެފަރާތުގެ ޙައިޘިއްޔަތު، އުޑާއި ބިމާހައި ފަރަގެވެ. ޖާހިލީ މިންގަނޑުން ބަލާއިރު،زينبއާއި،زيدއަކީ ކުފޫހަމަވާ ދެފަރާތްކަމަކަށްزينبއަކަށް ޤަބޫލެއް ނުކުރެއްވުނެވެ.زينبގެ ޢާއިލާގެ ބޭފުޅުންވެސް އެކާވެނިފުޅަކާ ރުހިވަޑައެއް ނުގެންނެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެކަމަށް ވަރަށްބޮޑަށް ބާރުއެޅުއްވިއެވެ. އިރްޝާދު ދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. ކާވެނިކުރުމުގައި ބައިވެރިޔާގެ ދީންވެރިކަމާއި، އަޚްލާޤު ފިޔަވައި އެހެނިހެން މިންގަނޑުތަކަކުން ކުފޫހަމަކުރާނަމަ، މުޖްތަމަޢުގައި ޢާއްމުވާނީ ފަސާދައެވެ. ނަމަވެސް،السّيّدة زينبއާއި އެކަމަނާގެ ޢާއިލާއިން އެކާވެންޏަށް ރުހޭބަސްފުޅެއް ނުދެއްވިއެވެ.
(ނުނިމޭ)