ވޭތުވެދި 50 އަހަރު ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރާފައިވާ ގޮތް ރަމްޒުކޮށް ދޭ ކުރެހުމުގެ މުބާރާތުން އެއް ވަނަ އަމީނިއްޔާ ސްކޫލުން ހޯދައިފި އެވެ.

އެއް ވަނައަށް ހޮވުނު ކުރެހުމުން ދައްކުވައިދެނީ ރަށެއްގައި ދެ ޖިންސުގެ މީހުން ދަނޑުވެރިކަން ކުރާ މަންޒަރެވެ. އަދި ކަނޑުން އެއްގަމަށް މަސް އަރާ މަންޒަރު ވެސް އެ ކުރެހުމުން ދައްކުވައިދެ އެވެ. އެ ކުރެހުމުން ދައްކުވައިދޭ ގޮތުން ސަގާފީ ހެދުންތަކެއް ލައިގެން ތިބި ދަނޑުވެރިންތަކެއް ކުރާ މަސައްކަތުން ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެ ރަށުން އުފައްދަ އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރާފައިވާ ގޮތް ރަމްޒުކޮށްދޭ ކުރެހުމުގެ މުބާރާތުން ދެ ވަނަ ހޯދީ ހިރިޔާ ސްކޫލުންނެވެ. އެ މުބާރާތުގައި އަމީނިއްޔާ ސްކޫލުގެ ތިން ޓީމަކުން ބައިވެރިވި އެވެ. އެ ގޮތުން އެ ސްކޫލުން ބައިވެރިވި ޓީމަކުން ވަނީ ކުރެހުމުގެ މުބާރާތުން ތިން ވަނަ ވެސް ހޯދާފަ އެވެ.

މުބާރާތުން ތިން ވަނައަށް ދިޔަ ކުރެހުމާއެކު، އަމީނިއްޔާގެ ދަރިވަރުން-- ސަން ފޮޓޯ/ އަލީ ނަސީރު

މޯލްޑިވްސް އިންޓަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އާއި ފިޝަރީޒް މިނިސްޓްރީން އިންތިޒާމްކޮށްގެން މިއަހަރު ހަވީރު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި މުބާރާތުގައި ބައިވެރިކޮށްފައި ވަނީ ހަތް އަހަރާއި 16 އަހަރާ ދެމެދުގެ ކުޑަކުދިންނެވެ. އެ މުބާރާތަކީ "މިނިވަން 50" އާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މުބާރާތުން އެކި ވަނަތަކަށް ހޮވުނު ކުރެހުންތައް ކުރެހި ދަރިވަރުން ފޮޓޯއަކަށް ހުއްޓިގެން-- ސަން ފޮޓޯ/ އަލީ ނަސީރު

ނުވަ ޓީމަކުން ބައިވެރިވި މުބާރާތުގައި މާލޭގެ ހަ ސްކޫލަކުން ބައިވެރިވި އެވެ. އެ މުބާރާތުގައި ބައިވެރިވި ސްކޫލްތަކަކީ އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލާއި އަރަބިއްޔާ އާއި އަހުމަދިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލުގެ އިތުރުން ސީއެޗްއެސްއީ އެވެ.

މުބާރާތުން ވަނަތަކަށް އައި ޓީމުތަކަށް އިނާމް ހަވާލު ކުރުން އޮތީ މާދަމާ ރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.