ހުޅުދެލީގައި ހާލު ބޮޑުވި، ބަލި މީހަކަށް ފަރުވާ ދޭން އެއަތޮޅު ކުޑަހުވަދޫއަށް ގެންދިއުމުގެ ކުރިން ތިން ގަޑިއިރު ހިފަހައްޓާނެ ކަމަށް ބުނެ ކުޑަހުވަދޫން ހުޅުދެއްޔަށް ފޮނުވައިދިން އޮކިސިޖަން ފުޅި ގަޑިއެއްގެ އިރުތެރޭ ހުސްވެ، ބަލިމީހާ ކަނޑުމަތީގައި މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން ދުވަސްވީ ބަލިމީހަކު ފަރުވާއަށް ކުޑަހުވަދުއަށް ގެންދަނިކޮށް މަރުވި ކަމުގެ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މަރުގެ އެ މައްސަލަ ތަހުގީގު ކުރާ ކަމެއް ނުވަތަ ނޫން ވެސް ފުލުހުން ކަށަވަރުކޮށެއް ނުދިނެވެ.
ހުޅުދެލީ ރަށު ކައުންސިލްގެ އިދާރާގެ ރައީސް އާދަމް ޒާހިރު މިއަދު ވިދާޅުވީ އެރަށު ހުސެއިން މޫސާ 65، (ދޮން ހުސޭނު) އަކީ ބްލަޑް ޕްރެޝަރު ހުންނަ މީހެއް ކަމަށާއި ދޭތެރެ ދޭތެރެއިން ކުޑަހުވަދޫ ހޮސްޕިޓަލުގައި ދޮން ހުސޭނު އެޑްމިޓް ކުރާ ކަމަށެވެ. ވަރަށް ފަހުން ވެސް ދޮން ހުސޭނަށް ކުޑަހުވަދޫގައި ފަރުވާދީފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ ދޮން ހުސޭނު އިއްޔެ ރަށު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް ހާލު ދެރަވެގެން ކުޑަހުވަދުއަށް ގެންދަން އޮކްސިޖަން ބޭނުންވާތީ، އެދުމުން ކުޑަހުވަދޫން ތިން ގަޑިއިރު ހުންނާނެ ކަމަށް ބުނެ އޮކްސިޖަން ފުޅި އެއް ފޮނުވައިދިން ކަމަށެވެ.

ޒާހިރު ވިދާޅުވީ މިއަދު ހެނދުނު 9:30 ގައި ދޮންހުސޭނާއި ނަރުހަކު ކުޑަހުވަދޫއަށް ފުރުވާލި ކަމަށާއި ނަމަވެސް އެއްގަޑި 45 މިނެޓްގެ ދަތުރު މަތީގައި އޮކްސިޖަން ހުސްވެ، ދޮން ހުސޭނު މަރުވި ކަމަށެވެ.
އެކަމާ ގުޅިގެން ކުޑަހުވަދޫ ހޮސްޕިޓަލުން ބުނީ ހުޅުދެލިން އެރަށަށް ބަލި މީހަކު ގެންނަންވެގެން އެންގި ކަމަށާއި އޮކްސިޖަން ނެތިގެން އޮކްސިޖަން ފޮނުވައި ދިނުމަށް އެދުމުން ތިން ލީޓަރުގެ އޮކްސިޖަން ފުޅި އެއް ފޮނުވި ކަމަށެވެ. އަދި ތިން ލީޓަރުގެ އޮކްސިޖަން ފުޅިއަކުން ތިން ގަޑިއިރު ވަންދެން ހިފެހެއްޓޭނެ ކަމަށެވެ. އެހެން ހިފެހެއްޓޭނީ ބަލިމީހާ އަށް އޮކްސިޖަން ދުކޮށްފައި ހުންން ވަރަކުން ކަމަށް ވެސް ކުޑަހުވަދޫ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުން ބުނީ ޗެކް ކުރުމަށް ފަހު ހުޅުދެއްޔަށް ފޮނުވި އޮކްސިޖަން ފުޅި ހުސްވީ ކީއްވެކަން ނޭންގޭ ކަމަށާއި އެކަން ހިނގާފައިވާ ގޮތް މިހާރު ބަލަމުން އަންނަ ކަމަށެވެ.