20 Nov 2015, 14:19
މެނީލާ (ނޮވެމްބަރު 21) : ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބޭއްވި އޭޕެކްގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ނިންމާލައިފި އެވެ.
މިސަމިޓުން އޭޕެކްގެ ގައުމުތަކުގެ މެދުގައި ކުރެވޭ އިގްތިސާދީ އަދި ވިޔަފާރީ މުއަމަލާތްތައް ފުޅާކުރުމުގެ ނިންމުންތަކެއް ނިންމާފައިވެ އެވެ. ސަމިޓް ނިމްމާލުމުގެ ގޮތުން ނެރުނު ގުޅިފައިވާ ބަޔާނުގައި އޭޕެކްގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރީގެ އެއްބައިވަންތަކަން ގާއިމްކުރުމަށް ބާރުއަޅާފައިވެ އެވެ. އަދި މިގައުމުތަކުގެ ކުދި ވިޔަފާރިތައް ތަރައްގީ ކުރުމަށްވެސް ގޮވާލާފައިވެއެވެ. މި ސަމިޓްގެ މަޝްވަރާތައް އިގްތިސާދާއި ވިޔަފާރިއަށް އަމާޒުކޮށްފައިވީ ނަމަވެސް އޭޕެކްގެ ގައުމުތަކަށް ކުރިމަތިވެދާނެ ޓެރަރިޒަމްގެ ނުރައްކާތަކާ ކުރިމަތިލާނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސަމިޓްގެ އެޖެންޑާގައި އިސްކަން ދީފައިވެ އެވެ. އަދި ރަސްމީ ބައްދަލުވުންތަކުގެ އިތުރުން ދޭދޭ ގައުމުތަކުގެ އިސްވެރިން ސަމިޓްގެ އަރިމަތީގައި ބައްދަލުވުންތައް ބާއްވަވައި މަޝްވަރާތައް ކުރިޔަށް ގެންދަވާފައިވެ އެވެ.
ސަމިޓް ނިންމުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ދުނިޔޭގެ ގައުމުތަކުގެ އެއްބާރުލުން އިތުރު ކުރުމަށް ގޮވާލާފައިވެ އެވެ. އޭޝިޔާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ޖަމާއަތުގައި 21 ގައުމެއް ހިމެނެ އެވެ. މި ޖަމާއަތަކީ އިގްތިސާދާއި ވިޔަފާރި ކުރިއެރުވުމުގެ މަގްސަދުގައި އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގައުމުތައް ގުޅިގެން އުފައްދާފައިވާ ޖަމާއަތެކެވެ. ދުނިޔޭގެ އެންމެ ބޮޑު ދެއިގްތިސާދު ކަމަށްވާ އެމެރިކާއާއި ޗައިނާ އަކީ މި ޖަމާއަތުގެ މެންބަރު ދެ ގައުމެވެ. (އަލްޖަޒީރާ)