މޮސްކޯ (ނޮވެމްބަރު 21) : ރަޝިޔާގައި އުފައްދާ އެންމެ ޒަމާނީ މަރުކާގެ އަސްކަރީ ފައިޓަރޖެޓް ކަމަށްވާ ސޮޚޯއި 35 ގެ 24 ބޯޓު ގަތުމުގެ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފި އެވެ.

މި ކޮންޓްރަކްޓްގެ އަގަކީ 2.3 ބިލިޔަން އެމެރިކާ ޑޮލަރެވެ. ސޮޚޯއި 35ގެ ފައިޓާޖެޓަކީ އެމެރިކާގައި އުފައްދާ އެންމެފަހުގެ ފައިޓާ ޖެޓަށްވުރެ ވެސް ޓެކްނޮލޮޖީގެ ފެންވަރު މަތީ ބޯޓެއް ކަމަށް އަސްކަރީ ރިޕޯޓްތައް ބުނެ އެވެ. މިމަރުކާގެ އެންމެ ފަހުގެ އުފެއްދުންތައް ރަޝިޔާއިން ދައްކާލާފައި ވަނީ މިއަހަރުގެ ތެރޭގަ އެވެ. މިއީ ބޭރުގައުމަކުން މިމަރުކާގެ ބޯޓު ގަންނަ ފުރަތަމަ ފަހަރު ކަމަށްވެ އެވެ.
ޔުކްރޭންގެ މައްސަލާގައި ހުޅަނގާއި ރަޝިޔާގެ ގުޅުންތައް ގޯސްވެގެންދިޔަ ފަހުން ރަޝިޔާއާއި ޗައިނާގެ ގުޅުންތައްވަނީ ވަރަށްބޮޑަށް ރަނގަނޅުވެގެން ގޮސްފަ އެވެ. ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތައްތައް ވެސް މިހާރު ވަނީ ކުރިޔާއާޅާބަލާ އިރު ވަރަށް މައްޗަށް ގޮސްފަ އެވެ. ރަޝިޔާއަކީ އަސްކަރީ ޓެކްނޮލޮޖީގައި އެމެރިކާއާ ފައިހަމަކުރާ ހަމައެކަނި ގައުމެވެ.

ޗައިނާއަކީ އަސްކަރީ ޓެކްނޮލޮޖީގައި އެމެރިކާއަށް ވުރެ ފަހަތުގައި އުޅޭ ގައުމެއްނަމަވެސް އިގްތިސާދާއި ވިޔަފާރީގެ ދާއިރާގައި އެމެރިކާއާ ވާދަކުރާ ހަމައެކަނި ގައުމެވެ. ކުރިޔަށްއޮތް ތިން އަހަރު ނޫނީ ހަތަރު އަހަރު ތެރޭގައި ޗައިނާގެ އިގްތިސާދު އެމެރިކާގެ އިގްތިސާދާ ފައިހަމަކުރާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރައްވަ އެވެ.

ކުރީގެ ސޮވިއެޓް ޔުނިޔަންގެ ގަދީމީ ޓެކްނޮލޮޖީ ދޫކޮށްލުމަށްފަހު ރަޝިޔާ މިހާރު ގެންދަނީ ވަރަށް ކުރިއަރާފައިވާ ޓެކްލޮޖީގެ ހަތިޔާރުތައް އުފައްދަމުންނެވެ. (ރޮއިޓާސް)