ނިއުޒިލެންޑުގެ ގައުމީ ދިދަ ބަދަލުކުރުމަށް ފަސް ޑިޒައިނަރަކު ތައްޔާރުކޮށްފައިވާ ފަސް ދިދައިގެ މެދުގައި ވޯޓުލުން މިއަދު ފަށައިފި އެވެ.

މެއިލް މެދުވެރިކޮށް ނަގާ އެ ވޯޓުގައި ޑިޒައިނަރުންތަކެއް ވަނީ ފަސް ދިދަ އެއް ތައްޔާރުކޮށްފަ އެވެ. އަދި އޭގެ ތެރޭގައި ނިއުޒިލެންޑްގެ މިހާރުގެ ދިދައެއް ނުހިމެނެ އެވެ. އާ ދިދައެއް އިހުތިޔާރު ކުރުމަށް ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އެއް މަސްދުވަހަށް ނިއުޒިލެންޑްގެ ކޮންމެ ރައްޔިތަކަށް ވެސް އޮއްނާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ނިއުޒިލެންޑްގެ މިހާރުގެ ދިދަ -- ފޮޓޯ/ އޭއެފްޕީ

މިހާރުގެ ދިދަ ބަދަލު ކުރުމާ މެދު ބައެއް ފަރާތްތަކުގެ މެދުގައި ވާހަކަ ދެކެވިފައި ވަނީ ނިއުޒިލެންޑްގެ މިހާރުގެ ދިދައާ އޮސްޓްރޭލިއާގެ ދިދައާ މާބޮޑަށް އެއްގޮތްވުމުންނެވެ. އާ ދިދަ އެއް ހޮވުމަށް ފަސް ދިދަ އިހުތިޔާރުކޮށްފައި ވަނީ 10،000 ޑިޒައިނަރުގެ ތެރެއިން ޝޯޓްލިސްޓު ކުރެވިގެންނެވެ.

ނިއުޒިލެންޑުގެ ގައުމީ ދިދަ ބަދަލުކުރުމަށް ފަސް ޑިޒައިނަރަކު ތައްޔާރުކޮށްފައިވާ އާ ފަސް ދިދަ --

ފަސް ދިދައިގެ ތެރެއިން ދިދައެއް އިހުތިޔާރު ކުރުމަށް ވޯޓު ލުން ފަށާފައިވިޔަސް ދިދައެއް ހޮވުމަށް އަނެއްކާވެސް ވޯޓުލާނެ އެވެ. އެއީ މިހާރު ބޭނުން ކުރާ ދިދަ އާއި ފަސް ދިދައިގެ ތެރެެއިން ރައްޔިތުން އިހްތިޔާރުކުރި ދިދައާ ދެމެދު ބާއްވާ ވޯޓެކެވެ. އެ ވޯޓުލުން ބާއްވަން ހަމަޖެހިފައި ވަނީ ފެށޭ އަހަރު އެވެ.

ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖޯންކީ ވިދާޅުވެފައި ވަނީ މިހާރުގެ ދިދަ އެމަނިކުފާނަށް ކަމުދާ ކަމަށެވެ. އަދި އެ ދިދައަށް ވޯޓު ދިނުމަށް ޖޯން ވަނީ ލަފާ ދެއްވާފަ އެވެ.

ނިއުޒިލެންޑްގެ އިތުރުން ފިޖީގައި ވެސް މިހާރު ދަނީ ދިދަ ބަދަލުކުރުމަށް ވޯޓުލާން ފަށާފަ އެވެ. އެ ގައުމުގެ ދިދަ ބަދަލު ކުރަން ވޯޓުލަނީ އިނގިރޭސިންގެ ދިދައާ އެއްގޮތްކަމެއް ހުރިކަމަށް ބުނެ އެވެ.