20 Nov 2015, 11:07
ރެފްރީންގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް (ނީޒާންބެ) އެފްއޭއެމަށް ފާޑު ކިޔައިފި އެވެ.
އުރީދު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ނިޒާމް ބުނީ އެފްއޭއެމްގެ ރެފްރީސް ކޮމިޓީގެ އެއްވެސް ކަމެއް އަދި އެފްއޭއެމްގެ އެއްވެސް ކަމެއް ވެސް ހަރުދާނަކޮށް ނުދާ ކަމަށެވެ.
މީގެ އިތުރުން މެޗް ކުރިއަށް ދާ ވަގުތު ރެފްރީންނަށް ލަފާ ދީ އެހީތެރިވުމަށް ވެސް ދަނޑުގައި ރެފްރީންގެ އިންސްޓަރަކްޓަރެއް ނުހުންނަ ކަމަށާއި މެޗްގެ ރެފްރީކަން ކުރަމުންދާ ރެފްރީންނަށް އެންމެ ރަނގަޅުހެން ހީވާ ގޮތަކަށް ކުރީމަ ދެން ކުރެވޭނެ ކަމެއް ނެތް ކަމަށް ނިޒާމް ބުންޏެވެ.
ނިޒާމް ބުނީ މިހާރު އޮތީ މެޗް ނިންމާލަފައި ތިމަންނައަށް މެޗުގައި މިކުރެވުނީ އެންމެ ރަނގަޅަށްތޯ ދެން ރަނގަޅުކުރަންވީ ކޮންކަންތައްތަކެއްތޯ ރެފްރީން އަމިއްލައަށް ވިސްނުން ކަމަށެވެ.
"މިހާރު ނެތް އެފްއޭއެމްގެ ރެފްރީސް ކޮމިޓީއެއް ނުވަތަ މިހާރު (އެފްއޭއެމްގެ) އެއްވެސް ކަމެއް ހަރުދަނާ ގޮތަކަށް ނޫން މިއޮތީކީ. އެހެންވީމާ މިގޮތަށް އޮތް ކަމެއް މީ. މިތާންގަ ނުފެނޭ މެޗަށް އެސެސް ކޮށްލާނެ އިތުރު ރެްފރީ އިންސްޓްރަކްޓަރެއް ނޫނިއްޔާ އެހީތެރިޔަކު ހުރި ތަނެއް ފެނިގެން ނުދޭ" ނިޒާމް ބުންޏެވެ.
ރެފްރީންގެ ކުރިއެރުމަށް ކުރަންޖެހޭ ކަންތައްތަކެއް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި ނަމަވެސް ކޮންމެހެން އެކަންކަން ފަހަގަ ކުރަން ޖެހޭނީ ކޯޗުންނާއި ކުލަބްތަކުންނާއި ނުސްވެރިންނާއި ސަޕޯޓަރުން ވެސް ނޫން ކަމަށާއި ކުލަބުތައް ވެސް ރަނގަޅު ކުރަންޖެހޭ ކަންކަމާ ކުރިއަރުވަންޖެހޭ ކަން ކުރަނީ އަމިއްލައަށް ކަމުން އެގޮތަށް ރެފްރީން ވެސް ރެފްރީންގެ ކުރިއެރުމަށް ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަން ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.