ހދ. މަކުނުދޫގައި ހުންނަ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބިޔަ ގަހުގައި ބަޔަކު މީހުން ހުޅުޖަހާ އެގަހަށް ބޮޑެތި ގެއްލުންތައް ދީފި އެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހަންމަދު ރިލްވާން މިއަދު ވިދާޅުވީ ރަށުގެ މެދުގައި ހުރި 300 އަހަރަށް ވުރެވެސް ގިނަ ދުވަސްވެފައިވާ 100 ފޫޓް ދިގު، ބިޔަ ނިކަގަހުގައި ތަފާތު ތިން ފަހަރެއްގެ މަތިން ރަށުގެ ބަޔަކު ހުޅު ޖަހާ އެ ގަހަށް ބޮޑަތި ގެއްލުންތަކެއް ދީފައިވާކަމަށެވެ. އެންމެ ފަހުން ގަހުގައި އަލިފާން ރޯކޮށްލީ މި ހަފުތާގައި ކަމަށެވެ.
"މީގެ މަހެއް ހާ ދުވަސް ކުރިން ތަފާތު ދެތިން ފަހަރެއްގެ މަތިން ބަޔަކު ހުޅުޖެހުމުން މުޅި ގަހުގެ ދިރުން ވަނީ ގޮސްފައި. އެއްވެސް ދިރުމެއް ނެތް މިހާރު (އެ ގަހުގައި) ،" ރިލްވާން ވިދާޅުވި އެވެ.

މަކުނުދޫގެ މަލަމަތި ފަޅުފިލައިދޭ އަދި ރަށުގެ ލޭންޑްމާކެއް ކަމަށް ބެލެވިފައިވާ ބިޔަ ނިކަގަހަށް ރަށު މީހުން ގެއްލުން ދެނީ އެ ގަހުގެ ސަބަބުން ވަށައިގެން ހުންނަ އިމާރާތްތަކުގައި ރެދުލައި އެ ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބޭތީ ކަމަށް ރިލްވާން ވިދާޅުވި އެވެ.
"ވަށައިގެން ހުންނަ ގޭގޭގެ ފާރުތަކާ ތަޅުން ގަޑުގައި ރެނދުލަމުންދޭ އެ ގަހުގެ މޫތަކުގެ ސަބަބުން. އެހެންވެ ރައްޔިތުން ގަހަށް ގެއްލުންދެނީ،" ރިލްވާން ވިދާޅުވި އެވެ.

އެއްފަހަރަށް ވުރެ ގިނަ ފަހަރަށް ނިކަ ގަހުގައި ހުޅުޖަހައި ގަހަށް ގެއްލުންވާ ގޮތަށް ރަށުގެ ބައެއް ރައްޔިތުން އަމަލުކުރާތީ އެ ގޮތަށް ކަންތައް ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދިފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ޝަކުވާ ތަކާ ގުޅިގެން ގަސް ކަޑާލުމުގެ ހުއްދައަކަށް ކަމާ ބެހޭ އިދާރާތަކުގެ ކިބައިން އެދިފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ނަސޭހަތް ދިނިން ހުޅު ޖެހުމުން ގަހަށް ގެއްލުން ވުމުގެ އިތުރުން އެހެން ގެއްލުންތައް ވެސް ލިބިދާނޭ ރަށައް. އެކަމަކުވެސް ރައްޔިތުންގެ ޝަކުވާ އަކީ އެ ގަހުން ގެއްލުންވާ ވާހަކަ. އެހެންވެ މިހާރު އެންވަޔަރްމަންޓް މިނިސްޓްރީގައި ހުއްދައަކަށް އެދިގެން މި އުޅެނީ އެ ގަސް ނައްތާލަން،" ރިލްވާން ވިދާޅުވި އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ވެސް މަކުނުދޫގެ ރައްޔިތުން ވަނީ އެ ރަށުގެ ކުދިން ޖިންނި މޮޔަވާ ކަމަށް ބުނެ އެރަށުގެ އެހެން ނިކަގަހެއް ކަނޑައިލާފަ އެވެ.
އެންވާރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނީ މަކުނުދޫގައި ހެދޭ ނިގަގަހަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހެދޭ ނިކަގަސްތަކާ ހިލާފަށް ބިމަށް އަޅޯ ނުފައިބާ ބިޔަކޮށް ހެދޭ ނިކަގަސްތަކެއް ކަމަށެވެ.