މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކުރެވޭނީ ޑައިވަސިފިކޭޓް ކޮށްގެން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ ޑައިވަސިފިކައި ކުރުމުގެ ގޮތުން ކުރިތަޖުރީބާ ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން ރޭ ދަރުބާރުގޭގައި އޮތް އެކްސްޕޯގައި ވަނީ އެކުވަކަލްޗާ ކޮށްގެން ވިއްސާފައި ހުރި ފާނައާއި ހުއިފިލަނޑާ ދައްކާލާފަ އެވެ.

"މިރޭ މިތަނުން ތިޔަ ފެނިވަޑައިގަންނަވަނީ އަނޅުގަނޑުމެން ދިރާސާތަކެއް ކޮށްގެން ވިއްސި ފާނަ އާއި ވިއްސި ހުއިފިލަނޑާ ބޮޑުކުރަމުންދާ ތަން. މި އަންނަ އަހަރުތެރޭގައި އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސްއެއް އޮންނާނީ މެ ދެ ދާއިރީ ނުވަތަ މި ދެ ބާވަތް އަޅުގަނޑުމެންގެ ތެރެއަށް މެރިކަލްޗައެއްގެ ގޮތުގައި ނެރެދެއްވުން. އެގޮތުން މި މަސަތްކަތް މިހާރު މި ވަނީ ފެއްޓިފައި އަދި ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު މި އިންޑަސްޓްރީން ވެސް ގިނަ ވިޔަފާރި ވެރިންތަކެއް އުފެދިގެން ދާނެ،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތް ވެސް އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން ކަމަށާއި އެގޮތުން އޮގަސްޓް މަހުގައި އެކަނި ވެސް މާލޭ މާރުކޭޓުން 59 މިލިއަންރުފިޔާގެ ވިޔަފާރީކޮށްފައިވާ ކަމަށެވެ.

"މިއީ 2013 އަދި 2014 އަށް ބަލާއިރު 43 ޕަސެންޓް އިތުރުވެގެން ދުޔި އަދަދެއް. ދަނޑުވެރިކަން އަދި މަސްވެރިކަމުގެ ދާއިރާއިން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަނޅުގަނޑުމެންގެ ތެރޭގައި ކުރެވެމުން އިބަދޭ،" ޝައިނީ ވިދާޅުވި އެވެ.

ރޭގެ އެ ޖަލްސާގައި ޝައިނީ ވަނީ އުރީދޫ އިން މަސްވެރިންނަށް ތައާރަފްކުރި ހިލޭ ސެޓެލައިޓް ފޯނުގެ ޚިދުމަތް ތައާރަފް ކޮށްދީފައެވެ. އުރީދޫ ސެޓެލައިޓު ފޯނުގެ ޚިދުމަތް ފޯރުކޮށްދެނީ ތްރާޔާ ސެޓް ސްލީވް ޑިވައިސްގެ އެހީގައެވެ. އެ އުފެއްދުންތެރި ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެބޭފުޅުންގެ ސްމާޓުފޯން ސެޓެލައިޓް ފޯނެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.