20 Nov 2015, 09:45
އައްޑޫ ސިޓީ، ހިތަދޫގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ފުރާވަރު ކުއްޖާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭ މެންދަމު މަރުވެއްޖެ އެވެ.
ހިތަދޫ ބޮޑުމަގުގައި އިއްޔެ ހެނދުނު ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ބޮލުގެ ނާށިގަނޑު ފަޅައިގެންދިއުމުން ފަރުވާދެމުންދަނިކޮށް މަރުވީ ހިތަދޫ، ޓިނުޖެހިގޭ، ނަވާލު މުހައްމަދު، 17، އެވެ. އޭނާއަށް ލިބިފައިވާ ސީރިއަސް ޒަހަމްތަކާ ގުޅިގެން ޑޮކްޓަރުން ވަނީ ނަވާލުގެ ފުރާނަ ސަލާމަތް ނުވާނެ ކަމަށް ނިންމާފަ އެވެ.
ކުއްޖަކު އަރުވައިގެން ސައިކަލުގައި ދަނިކޮށް ނަވާލު އެކްސިޑެންޓްވީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ސައިކަލެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ނަވާލުއާއެކު ސައިކަލުގައި އިން 14 އަހަރުގެ ފިރިހެން ކުއްޖާއަށް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއް ލިބުނެ އެވެ. ނަމަވެސް އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބި މީހުންނަށް އެހާ ބޮޑު އަނިޔާތަކެއް ނުވެ އެވެ.
އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ނަވާލު މަރުވީ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމާފައި ވަނިކޮށެވެ. އޭނާ މާލެ ނުގެނެވި ލަސްވީ ވެސް ލިބިފައިވާ ޒަހަމްތައް ސީރިއަސްކަމުންނެވެ.