20 Nov 2015, 02:18
އުރީދޫ އިން މަސްވެރިންނަށް ހިލޭ ސެޓެލައިޓް ފޯނުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.
އުރީދޫ ސެޓެލައިޓު ފޯނުގެ ޚިދުމަތް ތައާރަފްކޮށްފައި ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއެވެ.
އުރީދޫ ސެޓެލައިޓު ފޯނުގެ ޚިދުމަތް ފޯރުކޮށްދެނީ ތްރާޔާ ސެޓް ސްލީވް ޑިވައިސްގެ އެހީގައެވެ. އެ އުފެއްދުންތެރި ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެބޭފުޅުންގެ ސްމާޓުފޯން ސެޓެލައިޓް ފޯނެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ޚިދުމަތަކީ މަސްވެރިންނާއި ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރައްވާ ބޭފުޅުންނާއި ފަޅުރަށްރަށުގައި ދަނޑުވެރިކަން ކުރައްވާ ބޭފުޅުންނަށް ގިނަ ފަސޭހަތަކެއް ފޯރުކޮށްދޭނެ ޚިދުމަތެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ފޯރުކޮށްދޭ އެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ފިޝަރީޒް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށެވެ. މަސްވެރިންނަށް އެ ޚިދުމަތް ފޯރުކޮށްދެނީ ހިލޭ ކަމަށް ވެސް އުރީދޫން ބުންޏެވެ.

"ދިވެހި މުޖުތަމައުގައި ކުރިމަތިވަމުންދާ މައްސަލަތަކަށް ސްމާޓް ސޮލިއުޝަންތަކެއް ހޯދައިދިނުމަށް އަޅުގަނޑުމެން ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެބަކުރަން. މިގޮތުން އުރީދޫ ސެޓެލައިޓު ފޯނުގެ ޚިދުމަތް ފަދަ ދިވެހި ރައްޔިތުންނަށް ބޭނުންހިފޭ އުފެއްދުމެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މަސްވެރިންނާއި ދަނޑުވެރިންގެ ދުވަހު އެބޭފުޅުންގެ މިންނެތް މަސައްކަތުގެ އަގު ވަޒަންކޮށް މަސައްކަތުގެ މައިދާނުގައި ނުރައްކާތެރި ހާލަތްތަކުގައްޔާއި މޫސުމުގައި ކުރަންޖެހޭ ދިގު ދަތުރުތަކުގައި ރައްކާތެރިވެތިބެ، ބޭނުންޖެހޭ ވަގުތު އިތުބާރު ކުރެވޭ ފަދަ ކަނެކްޝަނެއް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އަރުވަން،" ވިކްރަމަ ސިންހަ ވިދާޅުވި އެވެ.
އުރީދޫ ސެޓެލައިޓް ފޯން ޑިވައިސްގެ އިމަޖެންސީ ކޯލް ބަޓަން މެދުވެރިކޮށް ސްމާޓް ފޯނަކާ ގުޅާފައި ނެތަސް ކުރިން ސެޓްކުރެވިފައިވާ ނަންބަރަކަށް އެމަޖެންސީ ހާލަތުގައި ފޯނުކުރެވޭނެ އެވެ.
އުރީދޫ ސެޓެލައިޓް ފޯނުމެދުވެރިކޮށް ދުނިޔޭގެ ތިންބައިކުޅަ ދެބައިގައި 161 ގައުމެއްގައި ނެޓްވޯކް ފޯރުކޮށްދެއެވެ.