20 Nov 2015, 02:15
ރާއްޖޭގެ ހާލަތު މިވަގުތު ބަދަލުވެފައި އޮތްގޮތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމަ ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑުހޭދައެއް ކުރަން ޖޭހޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވެއްޖެ އެވެ.
ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވްމުން ރައީސް ޔާމިން ވިދާޅުވީ، ތައުލީމާއި ސިއްހަތަށް ދޭ ސަމާލުކަން ދޫކޮށްލެވެން ނޯންނާނެކަމަށާއި ހަމައެއާ އެއްފަދަ ސަމާލުކަމެއް ދީގެން ސަލާމަތީ ކަންތައްތަކަށް ވެސް ބޮޑުހޭދައެއް ކުރަން ޖެހިފައިވާކަމަށެވެ.
"ނުރައްކާތެރި ބައެއްގެ ވިޔާނުދާ އަމަލުތަކެއްގެ ސަބަބުން އަޅުގަނޑުމެންގެ ރިސޯސް ރަނގަޅުކުރުމަށް ބޭނުންކުރަން ހުރިފައިސާ އެ ކަންތައްތަކުގެ ބަދަލުގައި އެހެން ކަންތައްތަކަކަށް ހޭދަކުރަންޖެހިފައި މިވަނީ. ރާއްޖޭގެ ހާލަތު ހުރިގޮތުން އެ ކަންތައް ކުރަން ލާޒިމްވެފައި މިއޮތީ. އެހެންނަމަވެސް މި ހޭދަ އަޅުގަނޑުމެން ކުރަން ނުޖެހުނު ނަމަ މިއަދު އެފައިސާ ހުންނާނީ ސިއްހީ މަރްކަޒް ތަކަށް، ތައުލީމީ ދާއިރާ އަށް، އަންހެނުންގެ ރައްކާތެރިކަމަށް އަދި ޒުވާނުންނަށް ހޭދަކުރަން ހުންނާނެ ފައިސާ،" ރައީސް ޔާމިން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދައުލަތް ސަލާމަތްތެރިކަމާ އެކީ އޮތުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ރައްޔިތުންނަކީ ސަލަމާތަމާއި ރައްކާތެރިކަމާ އެކު އަމާންކަންމަތީ އުޅޭ ބައެއް ކަމުގެ ޔަގީންކަން ހޯދައި ދޭން ޖެހޭ ކަމަށެވެ.
"މާލޭގެ މަގުތަކުގެ ސަލާމަތާއި އަމާންކަން މަގުމަތީގައި އުޅޭ ބޭފުޅުންނަށް އަޅުގަނޑުމެން ކަށަވަރުކޮށް ދޭން ބޭނުންވޭ. އެހެންވީމާ މި ދާއިރާއަށް އަޅުގަނޑުމެން ކުރިން ލަފާނުކުރާ މިންވަރަށް ހޭދަ ކުރަން މި ޖެހެނީ މި ދެންނެވި ކަހަލަ ވިޔާނުދާ އަމަލުތައް ހިނގާތީ،" ރައީސް ވިދާޅުވި އެވެ.