20 Nov 2015, 01:37
ސިންގަޕޫރުގެ އިންވެސްޓަރުންގެ ދައުވަތަކަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސިންގަޕޫރަށް ފުރާ ވަޑައިގަންނަވައިފިއެވެ.
މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓުގައި ހުންނަވަގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީއަށް މީހާރުވެސް އިންވެސްޓުކޮށްފައިވާ ގިނަފަރާތްތަކެއް ސިންގަޕޫރާއި އެ ސަރަހައްދުގައި އެބަ ތިބި ކަމަށާއި، މުސްތަގުބަލުގައި ރާވާފައި ހުރި މެގަ ޕްރޮޖެކްޓުތައް އެބޭފުޅުންނަށް މި ދަތުރުފުޅުގައި ތަފްސީލުކޮށްދެއްވާނެ ކަމަށެވެ.
"އިންވެސްޓަރުންނަށް މިހާރުގެ ސަރުކާރުގެ ޕޮލިސީ ކިޔައިދީ، ހެދިފައި ހުރި ގާނޫނުތަކުގެ ތެރެއިން އިންވެސްޓަރުންނަށް ލިބިދޭ ހުރިހާ ހައްގުތަކަކާއި ފަސޭހަ ތަކެއް އަޅުގަނޑުމެން އެބަ ޕްރޮމޯޓު ކުރަން،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކު ޒޯނުގެ ގެތެރެއިން އިންފްރާސްޓްރަކްޗަރ ޑިވެލޮޕް ކުރުމަށް ރާއްޖޭގެ ނެތް އިންވެސްޓަރުން ގެނައުމަށް ރައީސްގެ ގަރާރުގައި ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ.
"މިފަހަރުގެ ދަތުރަކީ އަޅުގަނޑުމެންނަށް ދެކެވެމުންދާ ވާހަކަ ތަކުގެ ތެރެއިން ޓޫރިޒަމް ރިއަލް އެސްޓޭޓް ބޭންކިންގް، ހަމަ އެގޮތަށް ރާއްޖޭގައި އަދި ތައާރަފު ވެފައި ނެތް ބައެއް އިންޑަސްޓްރީ ތަކަށް މަގުފަހިކޮށްދޭނެ މުހިއްމު މަސައްކަތްތަކެއް ކުރާނެ ދަތުރެއް،" މިނިސްޓަރު ވދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، މިއަންނަ އަހަރަކީ ރައީސް ޔާމިންގެ މެނިފެސްޓޯގައި އެކަށައެޅިފައި ހުރި ވަރަށް މުހިއްމު މަޝްރޫއުތަކެއް ފެނިގެންދާނެ އުފާވެރި އަހަރަކަށް ވެގެންދާނެ ކަމަށެވެ.