05 Apr 2011, 14:16
ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހަސަން އާދިލް މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށް އަމިއްލަ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
ކުޑަކުއްޖަކާ އެކު ބަދުއަހްލާޤީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން އިއްޔެ އާދިލް ހައްޔަރުކުރުމާ ގުޅިގެން ޗައިލްޑް އެބިއުސިންގް ޕްރިވެންޓިން ސޮސައިޓީން އެކަން ކުށްވެރިކޮށް މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުޑަ ކުދިންނަށް ކުރާ އަނިޔާތައް އިންތިހާ އަށް ގިނަވެފައިވާ ދުވަސްވަރެއްގައި އެފަދަ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ މީހުންނާ މެދު އެފަދަ ތުހުމަތުތަކެއް ކުރެވޭ ނަމަ އެއީ ވަރަށް ވެސް ހިތާމަ ހުރި ކަމެއް ކަމަށެވެ.
އަދި ރައްޔިތުންގެ ގަދަރާއި އިހްތިރާމް ލިބޭ ފަދަ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން އެފަދަ ޖަރީމާތައް ހިންގަވާ ނަމަ އެފަދަ މީހުން އެ މަޤާމްތަކުން ވަކިކުރެއްވުމަށް ވެސް އެޖަމްއިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.
"ކުޑަކުދިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ވަރަށް މަތިވެރި ކުރައްވާފައިވާ ބަޔަކަށް ވީހިނދު އަދި ކުޑަކުދިންނަކީ މާތް ﷲގެ އަމާނާތަކަށް ވީހިނދު އެ ކުދިންނަށް އެފަދަ ގޯނާ ކުރި މީހަކު ކޮށްފައިވާ ހުވަޔާއި މެދު ވެސް ސުވާލުއުފެދޭ،" އެބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާގެ ރައީސް ސޮއިކުރައްވައި ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ މައްސަލަ އަކީ ކުޑަކުދިންނަށް އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ގެއްލުންވާނެ އަމަލެއް ކަމަށާއި އާދިލްގެ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތަކަށް ނިމެންދެން އޭނާ މުޖްތަމައުން އެކަހެރިކޮށް ފުލުހުންގެ ބެއްލެވުމުގެ ދަށުގައި ބެހެއްޓުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.
އާދިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެފައި، ވަކި އިމްތިޔާޒުތަކެއް ލިބިފައިވާ މީހަކަށް ވީނަމަވެސް އެސްވެސް ލުޔެއް ނުދެއްވައި ވީހާ ވެސް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް ވެސް ޝަރުއީ ދާއިރާތަކަށް އެ ޖަމިއްޔާ އިން ގޮވާލާފައިވެ އެވެ. އަދި އެ މައްސަލާގައި ސަރުކާރުން ވެސް ވީހާވެސް ބޮޑަކަށް އިންސާފުގެ މަގުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ބާރުއަޅާ ދިނުމާށާއި އެއްވެސް ފަރާތަކުން ބާރާއި ނުފޫޒު ފޯރުވާކަން ހާމަވެ އެނގިއްޖެ ނަމަ އެ ޖަމްއިއްޔާ އިން ސީދާ ހަރަކާތަކަށް ނިކުންނާނެ ކަން ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.
ކުޑަކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އާދިލް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ރޭ ވަނީ އަމުރުކޮށްފަ އެވެ.