ކޯޓު އަމުރެއްގެ ދަށުން ޏ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހު ޝަރީފް މިރޭ ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ފުލުހުންނަށް ދޫކޮށްފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ، އަބްދުﷲ ފަލާހަކީ އެކޯޓަށް ހުށަހެޅިފައިވާ ވައްކަންކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ހެއްކެއްގެ ގޮތުގައި ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ.

ފަލާހު ބަންދުގައި ބަހައްޓައިގެން މިމަހުގެ 29 ވަނަ ދުވަހުގެ 10:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ވެސް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވެއެވެ.

ފަލާހު ކޯޓަށް ހާޒިރުކުރަނީ ވައްކަމުގެ ކޮން މައްސަލައެއްގެ ހެކިބަހަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި އޭނާ ހެއްކެއްގެ ގޮތުގައި ހާޒިރުކުރަނީ ދައުލަތުން ހުށަހެޅި ހެއްކެއްގެ ގޮތުގައި ކަމެއް ނުވަތަ ދިފާއުގައި ހުށަހެޅި ހެއްކެއްގެ ގޮތުގައި ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.