20 Nov 2015, 01:19
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނާއި ދަނޑުވެރިންގެ އިތުރުން އެހެނިހެން ސިނާއަތްތަކުގައި މަސައްކަތްކުރާ މީހުންނަށް ލުއިފަސޭހަކަމާއި ރައްކާތެރިކަން ލިއްބައިދޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް މި ސަރުކާރުން ވަނީ ޚާއްސަ ސްކީމްތަކެއް ގާއިމްކޮށްދީފައި ކަމަށެވެ. އަދި އެކަމުގެ ހެޔޮބަދަލު ފެންނަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަބްސިޑީސީގެން އަބަދު ކަންކަން ކުރެވިދާނެ ކަމަށް މި ސަރުކާރުން ގަބޫލުނުކުރައްވާ ކަމަށެވެ.
"ސަރުކާރުން މިހާރު އެހާބޮޑަށް ގަބޫލުކުރާ ސިޔާސަތެއް ނޫން ކުރިއަށް އޮތް ތަނުގައި އަބަަދު އަބަދު ސަބްސިޑީ ދީގެން ކަންކަން ކުރެވިދާނެ ކަމަކަށް. ސަރުކާރުން އަބަދުވެސް މަަސައްކަތް ކުރާނީ މަސްވެރިންނާ ދަނޑުވެރިންނަށް އަދި އެހެނިހެން ސިނާއަތްތަކުގައި މަސައްކަތްކުރާ މީހުންނަށް ފަސޭހަކަމާއި ލުއި އަދި ރައްކާތެރިކަން ލިއްބައިދޭނެ ނިޒާމެއް ގާއިމް ކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
މަސްވެރިކަމާ ދަނޑުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ލިބޭ އާމްދަނީއާ އަޅާ ބަަލާއިރު، ސަބްސިޑިދިނުން ކުރިއަށްގެންދިއުމަކީ އޭގެ ޒާތުގައި ކުރަން ފަސޭހަ ކަމެއްނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަންސިޑީ ދިނުމުގެ ބަދަލުގައި މަސްވެރިންނާއި ދަނޑުވެރިންނަށް ލިބޭ ގެއްލުން ފަސޭހައިން ފޫބެއްދޭނެ ނިޒާމްތައް ގާއިމްކޮށްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މިހާރުވެސް އިންޝުއާކޮށްފަައި އޮތް ދަނޑެއްނަމަ އެ ދަނޑަކަށް ލިބޭ ގެއްލުމުގެ 90 ޕަސެންޓް އިންޝުއަރެންސް ސްކީމުން ފޫބައްދައިދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ބޮޑަތި އޮޑިދޯނި ފަހަރު ނެރުނަސް މަސްވެރިކަން ކުރުމަށް ޒުވާނުން ނުނިކުންނަ ކަމުގައިވާނަމަ އެންމެ ބޭނުންވާގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.
މަސްވެރިކަަމާއި ދަނޑުވެރިކަމަކީ ޒުވާނުން ޝައުގުވެރިކަން ހުންނަ ދާއިރާތަކަަކަށް ވާންޖެހޭ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޒުވާންމަސްވެރިން ނުވަތަަ އޮޑިވެރިން ނެރުމަށް އަޅުގަނޑުމެން މިދަނީ ގިނަ ފުރުސަތުތަކެއް ހޯދައިދެމުން. އެގޮތުން މި ދެދާއިރާއިން ކުރިއަށް ދިއުމަށް ލުއިލޯނު ދޫކޮށްފައިވޭ. އަންނަަ އަހަރުވެސް އެ ލޯނު ލިބޭނެ. ބެޔަސްނުބެޔަސް އިންޝުއަރަަންސް ސްކީމް މިހާރު ވެސް ހިނގާ،" ރައީސް ޔާމީން ވިދާޅުވިއެވެ.