19 Nov 2015, 23:03
ފަތުރުވެރިކަމުގެ ސިނާއަތަށް އަބަދު ބަރޯސާވެގެން ދިވެހީންނަށް ތިބެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވްމުން ރައީސް ޔާމިން ވިދާޅުވީ އިގްތިސާދުގެ މައިބަދަ އަދި އާންމަދަނީ އެންމެ ބޮޑަށް ލިބޭ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތައް އެކަނި ބަރޯސާވެގެން ދިވެހީންނަށް ތިބެވޭކަށް ނެތް ކަމަށާއި ދަނޑުވެރިކަމާއި މަސްވެރިކަމަކީ ވެސް އިގްތިސާދުގެ މައިބަދައަށް ވާން އޮތް ދެ ސިނާއަތް ކަމަށެވެ.
"އަނޅުގަނޑު ގަބޫލުކުރާގޮތުގައި ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ޓޫރިޒަމްގެ ސިނާއަތްކަން ގަބޫލުކުރާގޮތައް، އެއާ އެކީ ގުޅުންހުރި ޑިޕެންޑަބަލް އަނެއް ސިނާއަތަކަށް ވާން މިއޮތީ މަސްވެރިކަމާއި ދަނޑުވެރިކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވެސް އެންމެ ބޮޑަ ސަމާލުކަމެއްދީގެން މަސައްކަތްކޮށްފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކަމަށާއި އެދާއިރާ އިތުރަށް ފުޅާކުރުމަށް ޒުވާނުން އެދާއިރާއަށް ނެރެންޖެހޭނެ ކަމަށެވެ.
"މަސްވެރިކަމާއި ދަނޑުވެރިކަމަކީ އިގްތިސާދީ ވަރުގަދަ ދެ ސިނާއަތް އެހްންކަމުން މި ދެ ސިނާއަތަށް ހަކަތަ އިންޖެކްޓް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމަކަށްވީ މި ދާއިރާއަށް ޒުވާނުން ނެރުން ކަމުގައި. އަޅުގަނޑު މެންނަށް ދުނިޔޭގޭ ޓެކްނޮލޮޖީތައް މި ދެ ދާއިރާއަށް އަށް ގެނެވިދާނެ. އަޅުގަނޑުމެނަށް 100 މޭލުން 200 މޭލުން އޮޑިދޯނި ފަހަރުތައް ބޮޑުކޮށްގެން ކަނޑުތަކުގައި ދުއްވިދާނެ އެހެންނަމަވެސް މި ދާއިރާއަށް ޒުވާން ލޭ ނުގުޅޭ ކަމަށް ވަންޏާ މިއީ ކުރިއެރުވިދާނެ ދެ ސިނާއަތެއް ނޫން." ރައީސް ޔާމީން ވިދާޅުވި އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްގީކޮށް ޒުވާނުން އެ ދެ ދާއިރާއަށް ނެރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށާއި އެކަން ޒުވާނުން ގަބޫލުކުރަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދަޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ރައީސް ޔާމިން ވިދާޅުވީ އެ ދާއިރާ މިހާރު ބޮޑަށް ޚާއްސަ ވެފައި އޮންނަނީ އަންހެން ކަނބަލުންނަށް ކަމަށްވާއިރު މިސަރުކާރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ކޯޕަރޭޓިވް ސޮސައިޓީސްތަކެއް އުފައްދައިދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދަނޑުވެރިކަމުގެ ދާއިރާގެ ކޯޕަޓިވް ސޮސައިޓީތަކެއް އުފެއްދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިހާރު މި ވަނީ ހައެއްކަ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދިފަ. މިކޯޕަރޭޓިވް ސޮސައިޓީތައް އުފެއްދުމުގެ ބޭނުމަކީ މަސްއްކަތްތައް އިންތިޒާމެއްގެ ދަށުން ކުރުން،" ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން މިއަހަރު ފާހަގަ ކޮށްލެވުނު ކޯޕަރޭޓިވް ސޮސައިޓީތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ގެ ފަރާތުން ދިނުމަށް ނިންމި ހަދާނީ ފަލާ ރައީސް ޔާމީން މިރޭ ވަނީ އެ ކޯޕަރޭޓިވް ސޮސައިޓީތަކާ ހަވާލުކޮށްދެއްވައިފައެވެ.
ރައީސް ޔާމީން ހަނދާނި ފިލާ ހަވާލުކޮށްދެއްވި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ތެރޭގައި ހިމެނެނީ ދިސިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއާއި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީއާއި ގއ.ގެމަނަފުށީ ކޯޕަރޭޓިވް ސޮސައިޓީއާއި ފުނާޑު ކޯޕަރޭޓިވް ސޮސައިޓީ އެވެ.
ދިސިލް ކޯޕރޭޓިވް ސޮސައިޓީގެ ފަރާތުން ހަދާނީ ފިލާއާ ހަވާލުވީ އެ ސޮސައިޓީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދުއެވެ. ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ހާދާނީ ފިލާއާއި ހަވާލުވީ އެ ސޮސައިޓީގެ ސެކެޓްރީ ހަމްދާ މުހައްމަދުއެވެ.
ގއ.ގެމަނަފުށީ ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ހަދާނީ ފިލާއާ ހަވާލުވީ އެ ސޮސައިޓީގެ މެނޭޖާ އަހްމަދު ޝާނިމެވެ. އަދި ފުނާޑު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ހަދާނީ ފިލާއާއި ހަވާލުވީ އެ ސޮސައޓީގެ ޗޭއާމަން މުހައްމަދު ޝަފީގު އަދުނާންއެވެ.
މަސްވެރިކަމުގެ ތަފާސް ހިސާބު ފޮނުވުމަށް ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތައް އެންމެ ރަނގަޅަށް ދުވަހު މަސްވެރިކަމުގެ މައުލޫމާތް ފޯމް ހުށަހަޅައިގެން ތ.ވިލިފުށީ ސީކިން ދޯންޏަށް ފިޝަރީޒް މިނިސްޓްރީން މިރޭ ވަނީ ޚާއްސަ އިނާމެއް ދީފައެވެ.
ސީކިން ދޯނީގެ ފަރާތުން އެ އިނާމާ ހާވާލުވީ އެ ދޯނީގެ އޮޑިވެރި ފަރާތް ކަމަށްވާ ތ.ވިލިފުށީ ގީތިތެރޭގެ ގާސިމް އާދަމެވެ.