20 Nov 2015, 00:40
ވައިޓްހައުސް (ނޮވެމްބަރު 19): ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އިރާގާއި ސޫރިޔާގެ ރެފިއުޖީން އެމެރިކާއަށް ހިޖްރަކުރުން ހުއްޓުވުމަށްޓަކައި ކޮންގްރެސްގައި ހިމެނޭ އިދިކޮޅު ރިޕަބްލިކަން ޕާޓީން ފާސްކުރަން އުޅޭ ބިލަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހުރަސްއަޅުއްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީން ފާސްކުރަން އުޅޭ ބިލްގެ ސަބަބުން ރެފިއުޖީންނަށް އެހީތެރިވުމަށް ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ހުރަސްއެޅޭނެ ކަމަށާއި އެހެންކަމުން އެބިލާ ދެކޮޅަށް އޮބާމާ ވީޓޯގެ ބޭނުން ކުރައްވާނެ ކަމުގައެވެ.
ވީޓޯގެ ބޭނުން ކުރައްވައިފިނަމަ ދެން އެބިލް ފާސްކުރަންޖެހޭނީ ކޮންގްރެސްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަޣްލަބިއްޔަތަކުންނެވެ. މިވަރުގެ ތަނަވަސް އަޣްލަބިއްޔަތެއް ހަރުކަށި ޚިޔާލުގެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުންނަށް ލިބިފައެއް ނުވެއެވެ.
އިރާގާއި ސޫރިޔާގެ ރެފިއުޖީން އެމެރިކާއަށް ހިޖްރަކުރުން ހުއްޓުވުމަށްޓަކައި އިދިކޮޅު ރިޕަބްލިކަން ޕާޓީން ފާސްކުރަން އުޅޭ ބިލުގެ ޑްރާފްޓް ބުނަނީ މި ދެގައުމުން އެމެރިކާއަށް ހިޖްރަކުރުމަށް އެދޭ ކޮންމެ ރެފިއުޖީއަކަށްވެސް އެ ފުރުސަތު ދެވޭނީ އެމެރިކާގެ ފެޑްރަލް ފުލުހުންނާއި ހޯމް ސެކިއުރިޓީއާބެހޭ މިނިސްޓްރީ ކޮންމެ ރެފިއުޖީއެއްގެ ހާލަތާއި ބެކްގްރައުންޑް ބަލައި ހޯދުމަށްފަހު ކޮންމެ މީހެއްގެ ޙާލަތު ވަކިން ދިރާސާކޮށް އެމީހަކީ އެވަގުތުގައިވެސް އަދި މުސްތަގްބަލްގައި އެމެރިކާގެ ސަލާމަތަށް ނުރައްކާ ނުކުރާނެ މީހެއްކަން ކަށަވަރުވުމުން ކަމުގައެވެ. މިއީ މިކަމަށް އެތަށް އަހަރެއް ވޭތުވެގެން ހިނގައިދާފަދަ ދިގު ޕްރޮސީޖަރ އެކެވެ.
އޮބާމާ، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ހަރުކަށި ވިސްނުމުގެ މެންބަރުންނަށް ދެއްވި މި އިންޒާރަށްފަހު އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އަންނަ އަހަރު ސޫރިޔާގެ 10 ހާސް ރެފިއުޖީންނަށް އެމެރިކާއަށް ހިޖްރަކުރުމުގެ ފުރުސަތު ދިނުމަށް އޮބާމާގެ ސަރުކާރުން ނިންމި ނިންމުމަށް އެއްވެސް ބަދަލެއް ނުގެނެސް އެކަން ތަންފީޒު ކުރަމުން ގެންދާނެ ކަމުގައެވެ.
އަނެއްކޮޅުން ރައީސް ބަރަކް އޮބާމާގެ މުސްތަޝާރު ލީޒާ މޮނާކޯ ވަނީ އައިއެސް ޖަމާއަތުން ދީފާނެ ޓެރަރިސްޓް ހަމަލާތަކެއްގެ ނުރައްކަލެއް މިވަގުތު އެމެރިކާއަށް ނެތްކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ އެމް.އެސް.އެން.ބީ.ސީ ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ލީޒާ ވިދާޅުވީ، ވެރިރަށް ވޮޝިންޓަން ޑީސީ އަށާއި އެމެރިކާގެ އެހެން ސްޓޭޓަކަށްވެސް ޓެރަރިޒަމްގެ ބިރު އޮތްކަމުގެ މައުލޫމާތެއް ޖާސޫސީ އެއްވެސް އިދާރާއަކަށް ލިބިފައިނުވާ ކަމުގައެވެ.
އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހަރުކަށި ވިސްނުމުގެ ގަވަރުނަރުންވަނީ ރެފިއުޖީންގެ ގޮތުގައި އެމެރިކާއަށް ވަންނަ ސޫރިޔާގެ ރައްޔިތުންގެ ތެރޭގައި ހިމެނިގެން އައިއެސްގެ ހަނގުރާމަވެރިން އެމެރިކާއަށް ވަނުމުގެ ފުރުސަތު އޮތްކަމަށާއި އެބޭފުޅުންގެ ސްޓޭޓްތަކަށް ސޫރިޔާގެ ރެފިއުޖީން ވަނުން މަނާކުރާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އޮބާމާގެ މުސްތަޝާރު ލީޒާ ވިދާޅުވީ، ސޫރިޔާގެ ރެފިއުޖީން މިހާރުވެސް އެމެރިކާއަށް ހިޖްރަ ކުރުމުގެ ފުރުސަތު ދެނީ އެމީހުންނަކީ ކޮންބައެއްކަން ވަރަށް ބޮޑަށް ބަލައި ފާސްކުރުމަށްފަހުގައި ކަމުގައެވެ. އެހެންކަމުން ރެފިއުޖީންގެ ތެރޭގައި ހިމެނިގެން އައިއެސްގެ ހަނގުރާމަވެރިން އެމެރިކާއަށް ވަނުމުގެ ފުރުސަތު ނެތްކަމަށްވެސް ލީޒާ ވިދާޅުވިއެވެ.
އިރާގުގެ ރައްޔިތުން ހާލުގައިޖެހި އެގައުމު ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލުވީ، އެމެރިކާ އެގައުމަށް އަރައި ހިންގި އަނިޔާވެރި އަމަލުތަކުގެ ސަބަބުންނެވެ. މިއީ މުސްތަގްބަލްގައި އެމެރިކާއިން އިރާގަށް ބަދަލުދޭންޖެހޭފަދަ ބޮޑު ޖަރީމާއެއްކަމަށް ގާނޫނީ ވަކީލުން ދެކެއެވެ. މި ޖަރީމާ އެމެރިކާ ހިންގާފައިވަނީ ޖޯޖްޑަބްލިޔު ބުޝްގެވެރިކަމުގައެވެ. އޭނާއަކީ ރިޕަބްލިކަން ޕާޓީގެ ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)