ދަރިން ތަރުބިއްޔަތު ކުރުމުގައި ބައްޕައިންގެ ދައުރު މިހާރަށްވުރެ އިތުރުކުރުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ހިންގުމާ ހަވާލުވެހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް އިލްތިމާސްކުރައްވައިފި އެވެ.

ސޯޝަލް ވޯކަރުންގެ މަސައްކަތުގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށް ބޭއްވި ޓްރޭނިން ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓު ދިނުމަށް ބުރާސްފަތި ދުވަހު ހަވީރު މއ. ސެމީޑީލްގައި ބޭއްވި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު ވިދާޅުވީ، މަންމަ އާއި ބައްޕަގެ އަޅާލުން ހަމަހަމަކަމާ އެކު ލިބިގެން ބޮޑެތިވާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން، އެއާތަފާތު ހާލަތެއްގައި ބޮޑެތިވާކުދިންނަށްވުރެ އިތުރުވެގެންދާކަން ނަފްސާނީ އިލްމުވެރިން ހަދާފައިވާ ވަރަށް ގިނަ ދިރާސާތަކުން ހާމަވާކަމަށެވެ.

ސޯޝަލް ވޯކަރުންނަށް ހިންގި ޓްރޭނިންގ ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

"އެހެންކަމުން މި ހުރިހާ ސަބަބުތަކަށްޓަކައި ތަރުބިއްޔަތުކުރުމުގައި އެކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގައި ބައްޕައިންގެ ދައުރު މިހާރަށްވުރެ އިތުރުކޮށްދިނުމަށް ހުރިހާ ބައްޕައިންގެ ކިބައިން އަޅުގަނޑު އިލްތިމާސްކުރަން،" އަނިލް ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، އަޅުގަނޑުމެންގެ ހަމައެކަނި ދައުރަކީ އިގްތިޞާދީގޮތުން އާއިލާއާއި ގައުމާއި ރަށް ބިނާކުރުން ނޫން ކަމަށާއި މުޖުތަމައުގައި ހިނގާ އެކިއެކި ކަންކަމުގައި އިޖުތިމާއީ ރޫހެއްގައި އެންމެން ވެސް ބައިވެރިވާންޖެހޭ ކަމަށެވެ.

ކުޑަކުދިންނަށްކުރާ އަނިޔާތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކަށް އަލިއަޅުވާލައްވައި އަނިލް ވިދާޅުވީ، ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކަށް މިއަހަރުގެ މިހާތަނަށް އެކަނިވެސް 1100 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.

ސޯޝަލް ވޯކަރުންނަށް ހިންގި ޓްރޭނިންގ ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭގޮތުން މާލެ އާއި އަތޮޅުތަކުން ހުށަހެޅޭ މައްސަލަތައް ކުރިއަށްވުރެ ހަރުދަނާކުރެވޭނެ އިންތިޒާމްތަކެއް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގައި ހަމަޖައްސާފައިވާ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"ޓްރެއިނިންގ ޕްރޮގްރާމް އޮން ކެޕޭސިޓީ ބިލްޑިންގ އޮފް ސޯޝަލް ވޯކާސް،"ގެ ނަމުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ޖުމްލަ 28 ސޯޝަލް ވޯކަރުން ބައިވެރިވެފައިވެއެވެ.

ސޯޝަލް ވޯކަރުންނަށް ހިންގި ޓްރޭނިންގ ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

އަނިލް ވިދާޅުވީ، އެ ޓްރޭނިންގ ޕްރޮގްރާމްގެ ސަބަބުން ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް އަތޮޅުތަކުގައި ހަރަކާތްތެރިވާ އިޖުތިމާއީ ހަރަކާތްތެރިންގެ މަސައްކަތަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ ޕްރޮގްރާމްގައި މައިގަނޑުގޮތެއްގައި ތަމްރީނުދީފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންގެ އުޅުން ތަފާތުވެގެން ހުށަހެޅޭ މައްސަލަތަކުގައި އެންމެ އެކަށީގެންވާ ނަތީޖާ ހާސިލުކުރުމަށްޓަކައި ސޯޝަލް ވޯކަރުން އަމަލުކުރަންވީގޮތާ ބެހޭގޮތުންނެވެ.