05 Apr 2011, 13:38
ލޯކަލް ގަވަރްމަންޓް އޮތޯރިޓީގެ ބޯޑުގައި އަމިއްލަ ފަރާތްތަކުގެ ތެރެއިން ހިމެނިވަޑައިގަންނަވާ މެންބަރަކަށް، މާލޭ ދަފުތަރު، މުހައްމަދު ޒާހިދުގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ޒާހިދުގެ ނަމަށް ވޯޓަށް އެއްސެވުމުން އެ ނަން ފާސްކޮށްފައިވަނީ އެވަގުތު ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް އެ ބޯޑަށް މަދަނީ ޖަމިއްޔާތަކުގެ ތެރެއިން އައްޔަންކުރަން ވޯޓަށް އެއްސެވި ސ.ހިތަދޫ އެވަގްރީން، ތޯރިގުއަލީ ލުތުފީގެނަން ވަނީ މަޖިލީހުން ފެއިލްކޮށްލައިފަ އެވެ. ލުތުފީގެ ނަމަށް ވޯޓަށް އެއްސެވުމުން، އެ ނަން ފާސް ކުރުމަށް އެންމެ 13 މެންބަރުން ވޯޓު ދެއްވިއިރު 49 މެންބަރުން އެ ނަން ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.
ލޯކަލްގަވަރްމަންޓް އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ދެ މެންބަރުން އައްޔަން ކުރުމަށްޓަކައި ކުރި އިއްލާނާ ގުޅިގެން އަމިއްލަ ފަރާތްތަކުގެ ތެރެއިން ހަތަރު ބޭފުޅަކާއި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ދެ ބޭފުޅަކު ކުރިމަތިލެއްވި އެވެ.
އަމިއްލަގޮތުން ކުރިމަތިލައްވާފައިވަނީ، މުހައްމަދު ޒާހިދާއި ށ. މަރޮށީ ޖޭމްގޭ، އަހްމަދު ޝުކުރީ ހުސެއިން އާއި މ. ފިނިފަރު މުހައްމަދު ހާލިދުގެ އިތުރުން ހއ. ފިއްލަދޫ ފީރޯޒުގޭ އަހްމަދު ފުއާދެވެ. އަދި މަދަނީ ޖަމްއިއްޔާތަކުގެ ފަރާތުން ކުރިމަތިލައްވާފައި ވަނީ ސ. ހިތަދޫ އެވަގްރީން، ތޯރިގު އަލީ ލުތުފީ އާއި ސ. ފޭދޫ ދިއްގާ ގަސްދޮށުގެ ހުސެއިން ސައީދު މުހައްމަދެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީން އެ ބޭފުޅުންގެން ނަންތައް ދިރާސާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ އަބުދުﷲ ޔާމީން ވިދާޅުވީ، ޖަމިއްޔާތަކުން ކުރިމަތިލެއްވި މެންބަރުންނާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ހާލިދާއި ފުއާދު، އެބޯޑަށް އައްޔަންކުރުމަށް ޝަރުތު ފުރިހަމަ ނުވާކަމަށެވެ. އަދި ކޮމިޓީންކުރި ދިރާސާއިން ޒާހިދަށް 84.4 ޕަސެންޓް، ޝުކުރީއަށް 83.3 ޕަސެންޓް ލިބިފައިވާތީ އެ ބޭފުޅުންގެ ޝަރުތު ފުރިހަމަވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނު ބުނާގޮތުން ކައުންސިލްތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި އެ މަސައްކަތްތައް ވިލަރެސްކުރާނީ ލޯކަލް ގަވަރްމަންޓް އޮތޯރިޓީންނެވެ. އެ އޮތޯރިޓީ އެކުލެވިގެންވާނީ، ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ދެ މެންބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކާއި، މާލޭ ސިޓީކައުންސިލްގެ މެންބަރަކާއި، އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނާއި ގާނޫނުގެ 39 ވަނަ މާއްދާގެދަށުން އުފައްދާ ސިޓީ ކައުންސިލްތަކުން އިންތިހާބުކުރާ މެންބަރެއްގެ މައްޗަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބުދުﷲ ހުށަހެޅުއްވި އަނިޔާ މަނާ ކުރުމުގެ ބިލު ވެސް މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ އެވަގުތު ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓު ދެއްވައިގެންނެވެ.