މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 21 ވަނަ ބައްދަލުވުން ނުވަތަ "ކޮޕް 21" ގައި ރާއްޖެއިން ބައިވެރިވާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު، އެންވަޔަރަންމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިމަހު 30 އިން ފެށިގެން އަންނަ މަހުގެ 11 އަށް ބާއްވާ އެ ބައްދަލުވުމުގައި ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ޕްރެޒެންޓޭޝަން ހުށަހަޅާނެ ކަމަށެވެ.

"އެ ބައްދަލުވުމުގައި ގައުމުތައް ރައްކާތެރި ގޮތުގައި ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ވާހަކަދެކެވޭނެ. އޭގެ އިތުރުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ އަދަދު މަދު ކުރަން ވެސް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ މުޢާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ ދަށުން އެކުލަވާލާ އަދި ޢަމަލު ކުރަމުންދާ ކިޔޯޓޯ ޕްރޮޓޮކޯލުގެ މުއްދަތު 2020 ވަނަ އަހަރު ހަމަވާތީ ކިޔޯޓޯ ޕްރޮޓޮކޯލުގެ ބަދަލުގައި ޢަމަލު ކުރާނެ އައު ޤާނޫނީ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެ އެއްބަސްވުމުގެ އެންމެ މުހިއްމު މަޤްސަދަކީ އިންސާނުންނާއި، ދިރޭތަކެއްޗާއި، ކާބޯތަކެތި އުފެއްދުމާއި އަދި ދެމެހެއްޓެނިވި އިގްތިޞާދީ ތަރައްގީއަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލެއް ކުރިމަތި ނުވާނެގޮތްތައް ހޯދުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.