19 Nov 2015, 16:34
އިއްޔެގައި ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރް އޮފް އިސްލާމިމް އެފެއާޒް އެންޑޯމެންޓް އެންޑް ދާވާ ޞާލިޙު ބިން ޢަބުދުލް ޢަޒީޒު ބިން މުޙައްމަދު ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައިފި އެވެ.
ޞާލިޙު މިއަދު މެންދުރު ފަހު އިސްލާމިކް ޔުނިވާސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެޔުނިވާސިޓީގެ ޗާންސެލަރު ޑރ. ޒާހިރު ޙުސައިނާއި އެޔުނިވަސިޓީގެ އިސް އެހެން ބައެއް ބޭފުޅުންނެވެ. ޞާލިޙުގެ ޒިޔާރަތުގައި ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވި އެވެ.
ޞާލިޙުގެ ޒިޔާރަތާ ގުޅިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ޒާހިރު ޙުސައިން ވިދާޅުވީ ޔުނިވާސިޓީގެ ވުޖޫދު ހުޅުމާލެއަށް ބަދަލު ކުރުމާ ބެހޭ ގޮތުން ޞާލިޙު ވާހަކަފުޅު ދެއްކެވި ކަމަށެވެ.
"... އަޅުގަނޑުމެން ބޮޑަށް މި ވިސްނަނީ ފުރަތަމަ، ޖާމިއާގެ ވުޖޫދު ހުޅުމާލެއަށް ބަދަލުކުރަން. އެހެންވީމާ އިރާދަކުރެއްވިއްޔާ އެކަންތައް ބޮޑަށް އެބޭފުޅާ ތަސައްވުރު އެ ކުރެއްވީ. އެހެންވީމާ އިޝާރާތް ކުރެއްވިޔެއްނޫންތޯ ބިލްޑިންއާ ބެހޭ ގޮތުން. މިއަށް ވުރެ ބޮޑެތި ބިލްޑިން ފެންނަން ޖެހޭނޭ. މިއަށް ވުރެ ގިނަ ކުދިން އަންނަން ޖެހޭނޭ. އެގޮތަށް ވިދާޅުވީ އެއީ އޭގެ އިޝާރާތެއް،" ޑރ. ޒާހިރު ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު އެ ޔުނިވާސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެކަމާ އުފާ ކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އިސްލާމިކް ޔުނިވާސިޓީ މިހާރު ހިންގަމުން އަންނަ، ކުރީގެ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ ހިންގި 'ފަހުދު ރަސްގެފާނު ބިނާ" އަކީ ސައުދީ ސަރުކާރުން ބިނާކޮށްދިން އިމާރާތެކެވެ.