19 Nov 2015, 16:29
ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނެސްފައިވާ އިސްލާހު މިއަދު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
އެ ބިލް މިހާރު އިސްލާހުކޮށްފައި އޮތް ގޮތުން ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ސަރުކާރަށް ލިބޭނެ އެވެ. ބިލުގައިވާ ވާގޮތުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ގަވާއިދު ހެދުމުގެ ބާރު މިނިސްޓްރީ އަށް ވަނީ ދީފަ އެވެ.
ބިލުގައި ބުނެފައި ވަނީ ފަޅުވެރިންގެ ތަމްރީނާއި ސަނަދުތަކުގެ އިތުރުން އެމީހުން ސިއްހީ ރައްކާތެރިކަމާއި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމުގެ އުސޫލުތައް ކަނޑައެޅުމުގެ ބާރުތައް މިނިސްޓްރީއަށް ލިބިދޭނެ ކަމަށެވެ.
ބިލުގައިވާ ގޮތުން އުޅަނދުފަހަރުގެ އިންތަކާއި މިންތަކުގެ އިތުރުން ހުންނަން ޖެހޭ ތަކެއްޗާއި، ފަޅުވެރިންނާއި ގުޅޭ ސަލާމަތީ މިންގަނޑުތައް އެކުލަވާލުމުގެ ބާރު މިނިސްޓުރީއަށް ވަނީ ދީފަ އެވެ.