20 Nov 2015, 00:20
ސްކޫލުތެރޭގައި ދިމާވެދާނެ ކުއްލި ހާލަތެއްގައި ހަރަކާތްތެރިވާނެ ގޮތްތައް ސްކޫލު ކުދިންނަށް ދަސްކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ސިވިލް ސާވިސް ކޮމިޝަންގެ ޓްރެއިނިން ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އެ އެއްބަސްވުމުގައި ބައިވެރިވެފައިވަނީ ޑިފެންސް މިނިސްޓްރީ އާއި ދިވެހި ރެޑް ކްރެސެންޓެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު އާދަމް ޝަރީފެވެ. އަދި ރެޑް ކްރެސެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ސެކްރެޓަރީ ޖެނެރަލް އަބްދުލް ރައްޒާގެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަބްދުﷲ ހައްމާދު
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ކާރިސާތަކާއި މީހުންގެ ފަރާތުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ސޭފްޓީ ޕްލޭނެއް މިދިޔަ އަހަރު ހުރިހާ ސްކޫލުތަކެއްގައި އެކުލަވާލާފައިވާ ކަމަށެވެ.
އާއިޝަތު ޝިހާމް ވިދާޅުވީ، ސްކޫލުތަކުގެ ދަރިވަރުންގެ ރައްކާތެރިކަމަކީ މިނިސްޓްރީން އެންމެ އަހައްމިއްޔަތު ދޭ އެއް ކަންތައް ކަމަށާއި ކުއްލި ހާލަތެއްގައި ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ދަރިވަރުންނަށް، ނުރައްކާތެރި ހާލަތެއް ދިމާވެއްޖެ ނަމަ ރައްކާ ވާނެ ގޮތް ދަސްކޮށްދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޑިފެންސް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަބްދުﷲ ހައްމާދު
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން ސްކޫލުތަކުގެ ދަރިވަރުންނަށް ރައްކާތެރިވުމަށް ބޮޑެތި އެހީތައް ލިބޭނެ ކަމަށެވެ.
"ސަލާމަތީ ބާރުތަކުގެ ހުރިހާ މުއައްސަސާތަކުން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ. އަދި ދަރިވަރުންނަށް ބޭނުންވާ ތަމްރީންތައް ވެސް ކޮށްދިނުމަށް އަޅުގަނޑުމެން ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ.